ވިޔަފާރި

ރޯދައަށް އިންޑަސްޓްރިއަލް ވިލެޖްގައި 400 ގޮޅީގެ މާރުކޭޓެއް


އަންނަ ރަމަޞާންމަހަށް އިންޑަސްޓްރިއަލް ވިލެޖްގައި 400 ގޮޅީގެ މާރުކޭޓެއް އަޅާނެކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އިންޑަސްޓްރިއަލް ވިލެޖްގައި 400 ގޮޅީގެ މާރުކޭޓެއް ހެދުމަށް ސިޓީ ކައުންސިލުން ނިންމާފައިވާއިރު މިއަހަރު އިތުރު ލޯކަލް މާރުކޭޓެއްވެސް ހުޅުވާނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖްގައި ދަތުރުވެރިންގެ މާރުކޭޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް 4 ފަންގިފިލާގެ އިމާރާތެއް އެޅުމަށް ނިންމާފައިވާކަމަށެވެ. ސިފާ ވިދާޅުވީ 4 ފަންގިފިލާގެ އިމާރާތް ނޭޅުނުނަމަވެސް އެސަރަޙައްދުގައި ރޯދައަށް ރަނގަޅު ފެންވަރަކަށް ގޮޅިތައް ހަދާ ނިންމާނޭކަމަށެވެ. އަދި އެތަން ތަރައްޤީކުރާނީ އަތޮޅުތަކަށް ބަހާލައިގެން ހުރިހާ އަތޮޅަކަށްވެސް ވިޔަފާރިކުރެވޭނެ އުޞޫލަކަމަށް ސިފާ ވިދާޅުވިއެވެ.

އިންޑަސްޓްރިއަލް ވިލެޖްގައި ހަދާ ދަތުރުވެރިންގެ މާރުކޭޓުގެ އިތުރުން 3 ފަންގިފިލާގެ ލޯކަލް މާރުކެޓެއްވެސް މާލޭގައި ހެދުމަށްވެސް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. އަދި މި މާރުކޭޓްތަކުގެ ކުރެހުންތައް ނިންމާފައިވާއިރު ވިލިމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 2 ފަންގިފިލާގެ މާރުކޭޓުގެ ކުރެހުން ނިންމާ މިހާރު ވަނީ ބީލަމަށް ލާފައިކަމަށް ކައުންސިލުން ބުނެއެވެ.

މާލެ ސިޓީގެ މޭޔަރ ސިފާ ވިދާޅުވީ މިހާރު ބަންދުކޮށްފައިވާ ދަތުރުވެރިންގެ މާރުކޭޓްގެ މަސައްކަތް ނިންމާ ރޯދައިގެ ކުރިން ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އެ މާރުކޭޓް ތަރައްޤީކުރަނީ 117 ގޮޅިއާއެކުއެވެ.

މާލޭގައި ހުންނަ ދަތުރުވެރިންގެ މާރުކޭޓަކީ ދިވެހި އުފެއްދުންތައް ވިއްކުމަށް ދިވެހިންނަށް ޚާއްސަކޮށްގެން ހިންގަމުން އަންނަ މާރުކޭޓެކެވެ. މާރުކޭޓުގައި ރާއްޖޭގެ ރަށްތަކުން ގެނެސް ވިއްކާ ތަކެތީގެ އިތުރަށް، ބޭރުގެ އުފެއްދުންތައްވެސް ބައެއް ފަރާތްތަކުން ވިއްކަމުންދެއެވެ.