ޚަބަރު

"ރަށްފެހި" ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން 3000 ގަސް އިންދައިފި


މުޅި ރާއްޖެ ފެހިކުރުމަށް ހިންގާ ޤައުމީ ޙަރަކާތް "ރަށްފެހި" ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން 3000 ގަސް އިންދައިފިއެވެ. މި ޙަރަކާތް ތިލަފުއްޓާއި، ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ ރަށްތަކުގައިވަނީ ކުރިއަށްގެންގޮސްފައެވެ.

ސްޓެލްކޯއިން ކުރިއަށްގެންދާ ގަސްއިންދުމުގެ ޙަރަކާތަކީ މުޅި ރާއްޖެ ފެހިކުރުމަށް ސަރުކާރުން ފަށާފައިވާ "ރަށްފެހި" ޕްރޮގްރާމާއި ގުޅުވައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއީ ތިމާވެއްޓަށް ހޭލުންތެރިކޮށް ތިމާވެއްޓާއި ރައްޓެހި ކަންކަމަށް މީހުން އަހުލުވެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ސްޓެލްކޯއިންވަނީ މި ޕްރޮގްރާމް ހުއްޓާނުލާ ކޮންމެ އަހަރަކުވެސް އެ ކުންފުނިން ކުރިއަށްގެންދިއުމަށް ނިންމާފައެވެ. ގަސް އިންދިމުގެ ހަރަކާތުގައި ސްޓެލްކޯގައި މަސައްކަތްކުރާ ހުރިހާ މުޢައްޒަފުންވަނީ ބައިވެރިވެފައެވެ.

ގަސްއިންދުމުގެ ޙަރަކާތް ރަސްމީކޮށް ކުރިއަށް ގެންގޮސްފައިވަނީ ތިލަފުށީގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެ ހުންނަ އިމާރާތުގެ ގޯތިތެރޭގައެވެ. މި ޙަރަކާތް ފައްޓަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣްނީއާއި، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމްއެވެ.

މި ހަރަކާތް ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣްނީ ވިދާޅުވީ މިދިޔަ އަހަރަށްވުރެ މިއަހަރު ގަސް އިންދާ މިންވަރު އިތުރުކޮށްފައިވާކަމަށެވެ. އަދި މާލެއާއި އެއްގޮތަށް އެކި ރަށްރަށުގައި ހުންނަ ސްޓެލްކޯގެ އިންޖީނިގެތަކުގެ މުޢައްޒަފުންވެސް އެރަށްތަކުގައިި ގަސް އިންދުމުގެ ހަރަކާތް ކުރިއަށްގެންގޮސްފައިވާކަމަށެވެ.

"މިފަހަރުގެ ޢަމާޒަކީ ކޮންމެ މުޢައްޒަފަކު 3 ގަސް އިންދުން. އެއީ 3000 ގަސް. މި ޕްރޮގްރާމް ހުއްޓާ ނުލާ ކޮންމެ އަހަރަކު ކުރިއަށްގެންދާނަން." މުޣްނީ ވިދާޅުވިއެވެ.

ގަސްއިންދުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ކުންފުނިތަކުގެ މުޢައްޒަފުން އިޖްތިމާޢީ ކަންކަމަށް އަހުލުވެރިކުރުމަކީ މުހިންމުކަމެއްކަމަށެވެ. މިފަދަ މަސައްކަތްތަކުގައި ސްޓެލްކޯއަކީ ނަމޫނާ ކުންފުންޏެއްކަން ޢަލީ އާޒިމްވަނީ ފާހަގަކުރައްވާފައެވެ.

"އެބަ އިވޭ ކުންފުނިތަކަށް ބޮޑެތި އަދަދުތަކުން ފައިދާ ލިބޭ ވާހަކަ. އެކަމަކު އެއިން މުޢައްޒަފުންނަށް މަންފާ ނުކުރަންޏާ އެއީ ފައިދާއެއްނޫން. މި ލިބޭ ފައިދާއިން މުޢައްޒަފުންނަށް ފައިދާކުރަނިވި ކަންކަން ކުރުން މުހިންމު." އަލީ އާޒިމް ވިދާޅުވިއެވެ.

ސްޓެލްކޯއިން ކުރިއަށްގެންދާ ގަސްއިންދުމުގެ ދެވަނަ ޕްރޮގްރާމުގައި އެ ކުންފުނީގެ ހުރިހާ ޑިޕާރޓްމަންޓްތަކެއްގެ މުޢައްޒަފުން ބައިވެރިވެއެވެ. އަދި އެންމެ ގިނައިން ގަސްއިންދާ ޑިޕާޓްމަންޓާއި، އެންމެ ރީތިގަސް، އެންމެ ބޮޑުގަސް އަދި އެންމެ ރަނގަޅަށް ގަސް ބަލަހައްޓާ ފަރާތްތައް ހޮވުމަށްވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރު ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމްގައި ސްޓެލްކޯއިން ވަނީ 2000ގަސް އިންދާފައެވެ.