ޚަބަރު

މަޖިލިސް އިންތިޚާބަށްވުރެ ބޮޑު އަޣުލަބިއްޔަތަކުން ކައުންސިލް އިންތިޚާބް ކާމިޔާބްކުރާނަން - ރައީސް


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައްޔިތުން އެމްޑީޕީއަށް ދިން އަޣްލަބިއްޔަތަށްވުރެ ބޮޑު އަޣްލަބިއްޔަތެއް ކައުންސިލް އިންތިޚާބުގައި ދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބަށް އެމްޑީޕީން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން މުޅި ރާއްޖޭގައި އެޕާޓީގެ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ފަށާފައިވަނީ މިއަދު ހެދުނު އެމްޑީޕީ ހަރުގެއިންނެވެ. މިހަރަކާތް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގައި އެމްޑީޕީން މުޅިރާއްޖޭގައި ހިންގާ ޕޯސްޓަރު ހަރުކުރުކުރުގެ ހަރަކާތް ފައްޓަވައި ދެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ރައްޔިތުން އެމްޑީޕީއަށް ސުޕަމެޖޯރިޓީ ދިނީ ރާއްޖޭގައި ހަރުދަނާ ގޮތެއްގައި ކަންކަން ކުރިއަށްގެންދިއުމަށް ކަމަށެވެ.

މަޖިލިސް އިންތިޚާބުގައި ރައްޔިތުން ދިން ބޮޑު އަޣްލަބިއްޔަތާއެކު ޤާނޫނަށް ބަދަލުގެނެސް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ބާރުތައްދީ، ރައްޔިތުންނަށް ބޮޑެތި މަންފާތަކެއް ލިބޭނެހެން ޤާނޫނަށް ބަދަލު ގެނެސްފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ޤާނޫނުން ލިބިދޭ ބާރުތަކާއެކު ތަރައްޤީގެ ކަންކަން ސަރުކާރުން ބޭނުންވާގޮތަށް ގެނެވޭނީ ސަރުކާރުގެ ކަންކަން ރަނގަޅަށް އެނގޭ އެމްޑީޕީގެ ކެނޑިޑޭޓުން ކައުންސިލް ތަކުގައި ތިބެގެންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެމްޑީޕީގެ ކެންޑިޑޭޓުންތިބީ މިއިންތިޚާބަށް ބަރާބާރަށް ތައްޔާރުވެފަ. މިއިންތިޚާބް އަޅުގަނޑުމެން ބޮޑުތަނުން ކާމިޔާބްކުރާނަން. ސަރުކާރުން ހިންގަންބޭނުންވާ މަޝްރޫޢުތަކާއި، ކަންކަން ހިންގޭނީ އެކަން ރަނގަޅަށް އެގޭ ފަރިތަބަޔަކަށް. އެއީ އެމްޑީޕީގެ ކެންޑިޑޭޓުން. އިރާދަކުރެއްވިއްޔާ މަޖިލިސް އިންތިޚާބަށްވުރެ ބޮޑު އައުލަބިއްޔަތެއް މިއިންތިޚާބުގައި އެމްޑީޕީއަށް ރައްޔިތުން ދެއްވާނެ." ރައީސް ވިދާޅުވިއެވެ.

އެމްޑީޕީން ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމަށް މާލޭގައި ފެށި ޙަރަކާތުގައި އެޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓުން ވަނީ ބައިވެރިވެފައެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިހަރަކާތް ކުރިއަށްދާކަމަށް އެމްޑީޕީން މަޢުލޫމާތުދެއެވެ.

ކައުންސިލް އިންތިޚާބާއި ގުޅޭގޮތުން އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނައުމަކީ ރައީސްގެ ވައުދުފުޅެއްކަމަށެވެ. ޤާނޫނަށް ބަދަލުތަކެއް ގެނެސް ލާމަރުކަޒީ ނިޒާމަކާއި ރައްޔިތުން ކުރިމަތިލާއިރު، ސަރުކާރުން ރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްޤީ ހާސިލްކޮށްދެވޭނެ ކެނޑިޑޭޓުން ތިބީ އެމްޑީޕީގައިކަން ދިވެހި ރައްޔިތުން ގަބޫކުރާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރައީސް ވިދާޅުވިހެން އަޅުގަނޑުމެން ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިން. ރައީސް އެޤާނޫނު ތަސްދީގުވެސް ކޮށްދެއްވައިފި. ދެންމިއޮތީ ތަންފީޒުކުރުމުގެ މަރުހަލާ. މިކަން ކުރެވޭނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް. މިކަމަށް ފަރިތަވާނީވެސް އެމްޑީޕީގެ ކެންޑީޑޭޓުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓުންގެ ކެންޕެއިން ޙަރަކާތްތައް މުޅި ރާއްޖޭގައި ފަށާފައިވާއިރު، މި އިންތިޚާބުގައި ހުރިހާ ގޮނޑިއަކަށް ވާދަކުރުމަށް އެޕާޓީންވަނީ ނިންމާފައެވެ.