ޚަބަރު

ހުޅުމާލޭގައި ދިން ވަޅީގެ ހަމަލައާ ގުޅިގެން އަނެއްކާވެސް މީހަކު ހައްޔަރުކޮށްފި


ޗައިނާގެ ދެމީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށް ހުޅުމާލޭގައި ދިން ވަޅީގެ ހަމަލާ އާއި ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން އިއްޔެގެ ވަގުތެއްގައި 22 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އެހެންނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހުންގެ އަދަދު މި ވަނީ ހަތަކަށް އަރާފައެވެ. މިމަހުގެ 4 ވަނަދުވަހުގެރޭ ހުޅުމާލޭގައި ވަޅިން ހަމަލާދީފައިވަނީ ޗައިނާގެ ފަތުރުވެރިއަކާއި ރާއްޖޭގައި މަސައްކަތް ކުރަން އުޅޭ ޗައިނާ މީހަކަށާއި އޮސްޓްރޭލިއާ މީހަކަށެވެ. މި ހަމަލާވަނީ ބައިނަލް އަގްވާމީ މީޑިއާތަކުގެ ސަމާލުކަމަށްވެސް އައިސްފައެވެ.

މި ޢަމަލަކީ ހަރުކަށި ފިކުރުގެ ބަޔަކު ހިންގި އަމަލެއްކަން ކަމަށް މިހާތަނަށް އެންގިފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. މިއަނިޔާވެރި ޢަމަލު ހިންގި އެންމެންނާއި މިކަމަށް އެހީތެރިވި މީހުން ހޯދައި، ޤާނޫނުގެ ކުރިމައްޗަށް ގެންނާނެކަމަށް ފުލުހުން ވިދާޅުވިއެވެ. މިމައްސަލާގައި ހައްޔަރުކޮށްފައި ވަނީ މުޅިންވެސް ދިވެހިންކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ހަމަލާއަށް ފަހު އެކަމުގެ ޒިންމާ ނަގާކަމަށް ބުނެ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވީޑިއޯއެއް އާއްމުކޮށް އަދިވެސް ގެންލުންދޭނެކަމަށް ބުނެ އިންޒާރުތައް ދީފައެވެ. ހޯމް މިނިސްޓަރ އިމްރާން މުހައްމަދު ޕީއެސްއެމް ރާއްޖެ މިއަދު ގައި ވާހަކަދައްކަވަމުން ވީދާޅުވީ އެ ވީޑީއޯ އުފެއްދުމުގައި އިސްކޮށް ހުރި މީހާ ދެނެގަނެ އެމީހާ ހައްޔަރުކޮށް ފައިވާކަމަށެވެ. އަދި އެވީޑިއޯގައި ބުނާ ފަދަ ގެއްލުމެއް ރައްޔިތުންނަށް ކުރިމަތި ނުވާނެކަމުގެ ޔަގީންކަން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ދެއްވައިފިއެވެ.