ޚަބަރު

ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު، އާދިއްތަ ދުވަހު ހުޅުވާލަނީ


ސްޓޫޑެންޓް ލޯނަށް އެދި ހުށައެޅުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލުމަށް ނިންމާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިއީ މިއަހަރު ލޯނަށް އެދި ހުށައެޅުމަށް ހުޅުވާލާ ފުރަތަމަ ފަހަރެވެ.

އާދިއްތަ ދުވަހު ލޯނަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމިނަމަވެސް އިތުރު ތަފްސީލެއް އެމިނިސްޓްރީން ހާމައެއް ނުކުރައްވައެވެ. މިހާރުވެސް "ސްކިލް ސޯޓޭޖް"ކޮށްފައިވާ ކޯސްތަކަށް ލޯންގެ އެހީގައި ކިޔެވޭނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އޭގެތެރޭގައި ފަތުރުވެރިކަމާއި އެކައުންޓީންއާއި ޓީޗިން ފަދަދާއިރާތައް ހިމެނެއެވެ. މީގެ އިތުރުން ސިއްޙީ ދާއިރާގެ ކޯސްތަކާއި ކުޅިވަރުގެ ކޯސްތަކާއި ތިމާވެއްޓާ ގުޅުންހުރި ކޯސްތައްވެސް ހިމެނެއެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވެފައިވަނީ މިއަހަރު ލޯނުގެ ފުރުސަތަށް ހުޅުވާލާއިރު ބޮޑު 2 ބަދަލެއް ގެންނެވުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން އެންމެ މުހިއްމު އެއްބަދަލަކީ މަތީ ތަޢުލީމު ޙާސިލުކުރުމަށް މާލީ ފުދުންތެރިކަން ނެތް ފަރާތްތަކަށް އިސްކަންދިނުމެވެ. އެގޮތުން ފާއިތުވި އެއް އަހަރުދުވަހުގެތެރޭގައި މަތީ ތަޢުލީމުގެ ފުރުސަތުތަކަށް އެދި ހުށައަޅާ ދަރިވަރުންގެ ނިސްބަތް އިތުރުވެފައިވާކަން ފާހަގަކުވެއެވެ. މީގެތެރޭގައި ޝަރުތު ހަމަވާ ދަރިވަރުން ގިނަކަން ފާހަގަކުރެވޭކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި އަނެއް ބަދަލަކީ ރާއްޖޭގައި "ރީޖަނަލް އެލޮކޭޝަން"ތަކެއް ހެދާ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިބި ދަރިވަރުންނަށްވެސް ހަމަހަމަ އުސޫލުގެ މަތިން ތަޢުލީމުގެ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރުމަށް ނިންމާފައިވާ ނިންމުންކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ދެއްވާ މަތީ ތަޢުލީމުގެ ފުރުސަތުގެ ދަށުން މިހާތަނަށް 567 ދަރިވަރުނަށް ވަނީ އެފުރުސަތު ދެއްވާފައެވެ. އަދި މިދިޔަ އހަރުގެ ތެރޭގައިވަނީ ލޯން ދައްކަންޖެހޭ މުއްދަތު އިތުރުކޮށް އިންޓްރަސްޓްވެސް %3އަށް ކުޑަކޮށްފައެވެ. އަދި އެމިނިސްޓްރީން ވަނީ މިދިޔަ އަހަރު މަތީ ތަޢުލީމުގެ ލޯނުގެ އުސޫލު މުރާޖަޢާކޮށް ލޯނަށް އެދުމަށް ދަރިވަރުން ބޭނުންވާ ކޮންމެ ޤައުމެއްގެ ސްކޮލަޝިޕަކަށް އެދި ލޯނު ހޯދުމަށް ހުޅުވާލާފައެވެ. ނަމަވެސް %100 ލޯނު ކަވަރުކުރާނީ އެމިނިސްޓްރީން ކަނޑައަޅުއްވާ ޤައުމުތަކުން އެކަންޏެވެ.