ޚަބަރު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އެމްޑީޕީ ޕްރައިމަރީ ހޯމަ ދުވަހު


އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކެނޑިޑޭޓުން ނެރުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީ ހޯމަ ދުވަހަށް ފަސްކޮށްފިއެވެ.

އެމްޑީޕީގެ ޕްރައިމަރީ މާދަމާ ބޭއްވުމަށް ކުރިން ހަމަޖެހިފައި ވީނަމަވެސް އިދާރީ ގޮތުން ހަމަޖައްސަންޖެހޭ ބައެއްކަންކަން ހަމަޖެއްސުމަށްޓަކައި އެ އިންތިޚާބު މިހާރު ވަނީ ހޯމަ ދުވަހަށް ފަސްކޮއްފައެވެ.

އިންތިޚާބްގެ ވޯޓްލުން ކުރިއަށް ދާނީ ހޯމަ ދުވަހުގެ މެންދުރުފަހު 2:30ން ރޭގަނޑު 7:30ށް ކަމުގައި އެމްޑީޕީން ވަނީ ބުނެފައެވެ. އެމްޑީޕީގެ ޕްރައިމަރީގައި 652 ކެންޑިޑޭޓުން ވާދަކުރެއެވެ. އެމްޑީޕީގެ ޕްރައިމަރީގައި ސިޓީތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުތަކުގެ ތެރެއިން މާލެސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 36 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އައްޑޫސިޓީއަށް 23 ކެންޑިޑޭޓުން އަދި ފޯވައްމުލަކު ސިޓީއަށް 5 ކެންޑިޑޭޓުން ވާދަކުރައްވައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރުމަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލާފައިވާއިރު، މިއިންތިޚާބުގައި ވާދަކުރުމަށް ކެނޑިޑެންސީ ހުށައެޅުމުގެ އެންމެފަހުގެ ތާރީހަކީ މިމަހުގެ 24 ވަނަ ދުވަހެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރަށްތަކުން އިންތިޚާބް ކުރުމަށް ހަމަޖެހިފައިވަނީ 890 ކެންޑިޑޭޓުންނެވެ. ސިޓީތަކުން 40 ކެންޑިޑޭޓުންނާއި، ޖުމްލަ 930 ބޭފުޅަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބް ކުރެވިގެންދާނެ އެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަގުސަދަކީ، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގައި ހިމެނޭ އަވަށްތަކުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކަށް ލަފައާއި މަޝްވަރާދިނުމާއި، އަންހެނުންގެ ތަރައްޤީއަށާއި ކުރިއެރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ރާވައި ހިންގުމެވެ.