ޚަބަރު

އައު ވެހިކަލްތަކާއި އެކު މާލޭގެ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް އަންނަ މާޗުމަހު ފަށަނީ


މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް އަންނަ މަހުގެތެރޭގައި ފަށާނެކަމަށް މާލެސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސިފާ މިހެން ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެހީގައި މާލެ ސިޓީ ކައުންސިލަށް ލިބުނު ވެހިކަލްތަކާ ޙަވާލުވުމަށްފަހު ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައެވެ.

މާލޭގެ މަގުތައް ރަނގަޅު ގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި ބެލެހެއްޓިފައި ނެތުމުގެ ސަބަބުން ހިނގާ ބިނގާވެ އުޅޭ މީހުނަށް ގިނަ ތަކުލީފުތަކެއް ދިމާވެފައިވާކަމަށާއި އެކަން ރަނގަޅުކުރުމަށްވެސް ގިނަ ގޮންޖެހުންތަކެއް އެކައުންސިލަށް ދިމާވެފައިވާކަމަށް މޭޔަރ ސިފާ ވިދާޅުވިއެވެ.

ސިފާ ވިދާޅުވީ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ބޭނުންވާ އެއްވެސް ވަޞީލަތެއް ސިޓީ ކައުންސިލްގައި މީގެ ކުރިން ނެތްކަމަށެވެ. އެގޮތުން މަގުތަކަށް ކޮންމެ މައްސަލައެއް ދިމާވިނަމަވެސް ބޭނުންކުރަން ކައުންސިލުގައި އޮތީ ހަމައެކަނި މީގެ އެތައް އަހަރެއް ކުރިން ޖަޕާނު ސަރުކާރުގެ އެހީގައި ލިބިފައިވާ 2 ޕިކަޕުކަމުގައި ސިފާ ވިދާޅުވިއެވެ. އެހެންނަމަވެސް އިންޑިއާގެ އެހީގައި މި ލިބުނު ވެހިކަލްތަކާއި އެކު ންނަ މަހުގެ ތެރޭގައި މާލޭގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމުގައި ސިފާ ވިދާޅުވިއެވެ.

ސިފާ ވިދާޅުވީ މަގުތައް އެއްކޮށް ކޮނެގެން ހެދުމުގެ ބަދަލުގައި އެންމެ ބޮޑަށް މަރާމާތު ކުރަންޖެހޭ މަގުތަކަށް އިސްކަން ދޭނެކަމަށެވެ. އަދި މިހާރު ސަރުކާރުން ދެއްވާފައިވާ މާލީ ބާރާއެކު މަގުތައް ހެދުމަށް ބޭނުންވާ ގާ ހޯދުމަށް އޯޑަރުކޮށްފައިވާކަމަށް މޭޔަރ ސިފާ ވިދާޅުވިއެވެ.


އިންޑިއާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓަރ ރާއްޖެއަށް މިދިޔަ އަހަރު ކުރެއްވި ޒިޔާރަތަށްފަހު ރާއްޖެއަށް ދެއްވުމަށް ހަމަޖެއްސި 106 މިލިއަން ރުފިޔާގެ ފައިސާގެ އެހީގެ ދަށުން ސިޓީ ކައުންސިލަށް ބޭނުންވާ މެޝިނަރީ ހޯދުމަށްޓަކައި ވަނީ 8 މިލިއަން ރުފިޔާ ހަމަޖައްސަވާފައެވެ. މީގެ ދަށުން ސިޓީ ކައުންސިލަށް ބޭނުންވާ ވެހިކަލްތައް ފޯރުކޮށްދިނުމުގެ މަސައްތަކުގެ ދަށުން މިހާރުވަނީ 5 ވެހިކަލް ސިޓީ ކައުންސިލާއި ޙަވާލުކޮށްފައެވެ.

މީގެ ތެރޭގައި މާލެ ވަށައިގެން ފެހިކުރުމުގެ މަސައްކަތްކުރުމަށް ބޭނުންވާ ފެންބައުޒަރުވެސް ލިބިފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ލާމަރުކަޒީ އުސޫލަށް ގެނައި އިސްލާޙާއާއެކު ސަރުކާރުންވަނީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދީ ރަށްރަށުގެ ތަރައްޤީއަށް މަޝްރޫޢުތައް ހިންގުމުގެ ފުރުސަތު ފަހިކޮށްދީފައެވެ. އެހެންކަމުން ރަށްރަށުގެ ތަރައްޤީގެ އެންމެ ބޮޑު ޒިންމާއެއް އުފުލާނެ ބަޔަކީ ކައުންސިލްތަކެވެ.