ޚަބަރު

ސަޢުދީ ޢަރަބިއްޔާއިން ދިވެހިންނަށް އޮން - އެރައިވަލް ވިސާދޭން ނިންމައިފި


ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރާ ދިވެހި ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ލިބޭނެ އިންތިޒާމް ސަޢުދީ ސަރުކާރުން ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ފޮރިންގ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ޢަބްދުﷲ ޝާހިދުއެވެ. ނޫސްވެރިންނާއި ބައްދަލުކުރައްވާ ވަހަކފުޅު ދައްކަވަމުން ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝަހިދު ވިދާޅުވީ، ސަޢުދީ ޢަރަބިއްޔާއަކީ ދިވެހި ރައްޔިތުން ވަރަށް މުހިންމު ބޭނުމެއްގައި ދަތުރުކުރާ ޤައުމެއްކަމަށެވެ. އެގޮތުން ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރާ ދިވެހި ފަތުރުވެރިންނަށާއި، ޢުމްރާގެ އަޅުކަމަށް ސަޢުދީއަށް ދާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ހަމަޖައްސައިދިނުމަށް އެޤައުމުގެ ސަރުކާރުން ނިންމާފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ސަޢުދީ ސަރުކާރުގެ މިނިންމުމަކީ އެޤައުމަށް ދަތުރުކުރާ ދިވެހިރައްޔިތުންނަށް، އެތަކެއް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމެއްކަމަށާއި، މިއީ ވަރަށް ގިނަ ދިވެހިން އެދެމުން ދިޔަކަމެއް ކަމަށެވެ. މިކަމުން ދައްކައިދެނީ ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާއި ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް އަޚުވަންތަ ގުޅުމާއި، ސަޢުދީ ލީޑަރޝިޕުން ދިވެހި ރައްޔިތުންނަށާއި މިހާރުގެ ސަރުކާރަށް ބަހައްޓަވާ ޚާއްސަ އަޙައްމިޔަތުކަންކަމަށް ފާހަގަކުރެއްވިއެވެ.

"ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން، ވިޝަން 2030 ގެ ނަމުގައި، ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުއަކީ،  އިޤްތިޞާދު އައު ދާއިރާތަކަށް ފުޅާކޮށް، މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ، ޒަމާނީ ޤައުމެއްގެ ގޮތުގައި އިތުރަށް ކުރިއަށްދިޔުމަށް ހިންގަމުންގެންދާ ފާހަގަކޮށްލެވޭ މަޝްރޫޢުއެއް. އަދި ތަރައްޤީ އާއި ތަޙުޒީބުގެ ރޮނގުން މުޅި ދުނިޔޭގައި އަރާހުރި ޤައުމަކަށްވުމަށް، ސަޢޫދީ ޢަރަބިއްޔާއިން ކުރަމުން މިގެންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުވާލެވޭ ފުރުޞަތުތައް، ދިވެހިރައްޔިތުންނަށްވެސް ފަހިވެގެން ދާނެކަމީ، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ މި ނިންމުމާއިއެކު އަޅުގަނޑުމެންނަށް ލިބޭނެ އުފަލެއް." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ފޮރިންގ މިނިސްޓަރ ވިދަޅުވީ، އޮން-އެރައިވަލް ވިސާގެ ހިދުމަތްތައް ފެށުމާއެކު، ދިވެހިން ސަޢުދީއަށް ދަތުރުފެށުމުގެ ކުރިން އޮންލައިންކޮށް އީ-ވިސާއަށް އެޕްލައިކުރުމުގެ ފުރުޞަތު ނުވަތަ ވިސާއާއި ނުލާ ސަޢުދީއަށް ދަތުރުކޮށް އެއަރޕޯޓްއިން ވިސާއަށް އެޕްލައިކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. އޮން-އެރައިވަލް ވިސާ ލިބޭ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިގެންދިއުމާއެކު ދިވެހިރައްޔިތުންނަށް މި ވިސާގައި ސިންގަލް އެންޓްރީ ނަމަ، 1 މަސް ދުވަހުގެ މުއްދަތު އަދި، މަލްޓިޕަލް އެންޓްރީކޮށް އެއް އަހަރު ދުވަހުގެ ވިސާއެއްގައި، އެ އަހަރުތެރޭ، ސަޢުދީ ޢަރަބިއްޔާގައި ޖުމްލަ 90 ދުވަސް ހޭދަކުރެވޭގޮތަށް ދަތުރުކުރުމުގެ މަގު ފަހިވެގެންދާނެއެވެ. އަދި، މި ބަދަލުގެ ސަބަބުން ވިސާ ފީ އަށް ދައްކަންޖެހޭ އަދަދަށް ބޮޑު ލުއިކަމެއްލިބިގެންދާނެއެވެ. ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށާއި، ކިޔެވުމާއި، ސިއްޙީ ފަރުވާއަށް އަދި ސަޢުދީ ޢަރަބިއްޔާގައި މަސައްކަތްކުރުން ފަދަ ބޭނުންތަކަށް މި ވިސާ ބޭނުމެއްނުކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި ވިސާ ބޭނުންކުރެވޭނީ ހަމައެކަނި ފަތުރުވެރިކަމާއި ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށްކަމަށާއި، އޮން-އެރައިވަލް ވިސާ ނަގަންފެށޭނެ ސީދާ ތާރީޚެއް ސަޢުދީ ސަރުކާރުން ވަރަށް އަވަހަށް އިޢުލާންކުރައްވާނެކަމަށެވެ.

"މިހާތަނަށް ސަޢުދީ ޢަރަބިއްޔާއިން އޮން އެރަވައިލް ވިސާ ލިބޭގޮތަށް ކެޓަގަރީ އޭ ގައި ހިމަނާފައިވަނީ 49 ޤައުމު. އަދި މި ކެޓަގަރީގައި ރާއްޖެ ހިމެނުމާއެކު، ރާއްޖެ ވެގެންދާނީ އޭޝިއާ ބައްރުން ސަޢުދީ އޮން-އެރައިވަލް ވިސާ ލިބޭ 8 ވަނަ ޤައުމަށް. ހަމައެއާއެކު، ސަޢުދީ ޢަރަބިއްޔާ ހިމެނޭ ޖީ.ސީ.ސީ ގެ ޤައުމުތަށް ފިޔަވައި ދިވެހިރާއްޖެއަކީ، މުސްލިމް ޤައުމުތަކުގެ ތެރެއިން ސަޢުދީ އޮން-އެރައިވަލް ވިސާ ލިބޭ 4 ވަނަ ޤައުމުކަން އަޅުގަނޑު ފަޙުރުވެރިކަމާއެކު ފާހަގަކޮށްލަން." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ދިވެހިންނަށް 84 ޤައުމަކަށް ވިސާނުލާ ދަތުރުކުރެވޭނެ

ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ފޮރިންގ މިނިސްޓަރ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޚާރިޖީ ސިޔާސަތުގެ ބައްޓަން ވެފައިވަނީ އެކި ޤައުމުތަކާ ދެމެދު އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމުގެ މައްޗަށްކަމަށެވެ. ބައިނަލްއަޤުވާމީ މަސްރަޙުގައި ކެނޑިނޭޅި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރުވެސް ދުނިޔޭގެ 84 ޤައުމަކަށް ކުރިން ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް ދަތުރުކުރެވޭ. މީގެތެރެއިން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެކަނިވެސް ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، މޮރޮކޯ އަދި ތައިލެންޑަށް ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ ގޮތަށް ވިސާ ވެއިވަރ އެގްރިމެންޓްތައް ހެދި، އިންޑިއާ އަދި ސްރީލަންކާއިން ވިސާގެ ބޮޑެތި ލުއިފަސޭހަތަކެއް ހޯދިފައިވޭ. ފަހިވެގެންދާ މިފަދަ ފުރުޞަތުތަށް ދިވެހިރައްޔިތުން ރަނގަޅުގޮތުގައި ބަލައިގަނެ، މި ފުރުޞަތުތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސްކުރަން." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށާއި އެހެނިހެން ކަންކަމަށް ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތްކުރާ ދިވެހިންނަށް ފުރިހަމަ ޚިދުމަތެއް ދިނުމުގެ މަޤްޞަދުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި އުފައްދަވާފައިވާ ކޮންސިއުލޭޓް ހުޅުވުމަށް މިހަފްތާގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއިން ހުއްދަ ދީފައިވާކަމަށެވެ. އަދި ކޮންސިއުލޭޓް ހުޅުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް، ސަޢޫދީ ޢަރަބިއްޔާގެ ކަމާއިބެހޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން ކުރަމުންގެންދާކަމާއި، މި އަހަރުގެ ޙައްޖު މޫސުމަށް ކޮންސިއުލޭޓްގެ ޚިދުމަތް ލިބިގެންދާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.