ޚަބަރު

އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއެކު މުހިންމު ބިލްތަކެއް މަޖިލީހަށް!


އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއެކު މަޖިލީހުގެ ފުރަތަމަ ދައުރަށް ފޮނުވާނެ ބިލްތައް ބަންޑާރަ ނާއިބުގެ އޮފީހުން ޢާންމުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްވެވި ރިޔާސީ ބަޔާނުގައިވެސް ވަނީ މިއަހަރުގެ ފުރަތަމަ ދައުރުގައި 56 ބިލެއް ސަރުކާރުން މަޖިލީހަށް ފޮނުއްވާނެކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި، މުޅިން އަލަށް އެކުލަވާލަންޖެހޭ 24 ބިލަކާއި އެކި ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ 32 ބިލެއް ހިމެނޭކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެއެވެ. އެ ބިލުތަކުގެ ތެރެއިން 10 ބިލެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވިދާޅުވެއެވެ.

އެ ބިލްތަކަކީ:

  • ނަފްސާނީ ޞިއްޙަތުގެ ބިލު
  • ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު
  • ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  • ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  • ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  • ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު
  • އިންޝުއަރެންސްއާބެހޭ ބިލު
  • ތަފާސްހިސާބުގެ ބިލު


މި ބިލްތަކުގެ ތެރެއިން ގިނަ ބިލްތައް މިހާރުވަނީ މަޖިލީހަށް ފޮނުވާ ބަހުސްގެ މަރުހަލާ ފަށްޓަވާފައެވެ. މަޖިލީހުގެ މިދައުރުގެ ތެރޭގައި ހުށައެޅުމަށް ހަމަޖެހިފައިވާ މުހިން އެހެން ބިލްތަކުގެ ތެރޭގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލާއި، ބޯހިޔާވަހިކަމުގެ ބިލާއި، ޢާންމު ދަތުރުފަތުރުގެ ބިލާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް ހިމެނެއެވެ.

މީގެ އިތުރުން ނޭޝަނަލް ރަޖިސްޓްރޭޝަނާބެހޭ ބިލާއި، ފޮރިން އިންވެސްޓްމަންޓްގެ ބިލާއި، ހެއްކާބެހޭ ބިލާއި، ބަންޑާރަ ނާއިބުގެ އޮފީހުގެ ބިލާއި، މީޑިއާ ކޮމިޝަންގެ ބިލާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ބިލާއި، އާއިލާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުވެސް މީގެ ތެރޭގައި ހިމެނެއެވެ.

މަޖިލީހުގެ މިދައުރަށް ހުށައަޅާ 56 ބިލުގެ ތެރެއިން ގިނަ ބިލްތަކުގެ މަސައްކަތް މިދައުރުގައި ނިންމުމަށް މަސައްކަތްކުރައްވާނެކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.