ވިޔަފާރި

51 ބާވަތެއްގެ މުދާ ރޯދައަށް އަގުހެޔޮކުރަން މަސައްކަތްކުރަނީ


އަންނަ ރޯދަމަހަށް މުދަލުގެ އަގު ހެޔޮކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން 51 ބާވަތެއްގެ މުދާ އަގުހެޔޮކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ކޮންމެ އަހަރެއްގެވެސް ރޯދަމާއި ދިމާކޮށް ކާބޯ ތަކެތީގެ އަގު އިންތިހާއަށް އުފުލިގެންދެއެވެ. އަދި ވަކިން ހާއްސަކޮށް ދިވެހި އުފެއްދުންތަކުގެ އަގު އަތްނުފޯރާ ފަށަށް އަރާއިގެންދެއެވެ،

އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވިދާޅުވީ ކޮންމެ ރޯދަ މަހަކުވެސް ކާބޯތަކެތީގެ އަގު އުފެލުމް އަންނާތީ މި ފަހަރު ދުރާލާ ރޯދަމަހަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ. މި ގޮތުން ރޯދަ މަހަށް އާއްމުކޮށް މީހުން ބޭނުންކުރާ 51 ބާވަތެއްގެ މުދާ އަގު ހެޔޮކޮށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ބާވަތްތައް އަގު ހެޔޮކޮށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އެސްޓީއޯއާއި މަޝްވަރާކުރައްވަމުން ގެންދަވާކަމަށް ފައްޔާޟް ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ ކޮން ބާވަތްތަކެއް ކަމަށް މިނިސްޓަރ ވިދާޅެއްނުވެއެވެ.

" އަޅުގަނޑު ޤަބޫލުކުރާ ކަމެއް ނޫން ސަރުކާރުން އާންމުންގެ ވިޔަފާރިތަކަށް ވަދެ ކޮންޓްރޯލްކުރުމަކީ. އެހެންނަމަވެސް އަސާސީ އައިޓަމްތައް އަގުހެޔޮކުރުމަށް އެސްޓީއޯ މެދުވެރިކޮށް ސަޕްލައި އިތުރުކުރުމަށް މަސައްކަތްކުރާނަން. އަޅުގަނޑުމެން ގެންގުޅެން 51 އައިޓަމެއް އަގު ދަށްކުރުމަށް. މި އައިޓަމްތައް ސްޓޮކްކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން. " މިނިސްޓަރ ވިދާޅުވިއެވެ.

މިދިޔަ ރޯދަ މަސް ފެށުމާއި އެކު އަގު އެންމެ މައްޗަށް އަރައިގެން ދިޔަ އެކައްޗަކީ މިރުހެވެ. ދިވެހިންގެ ތެރޭގައި މަގްބޫލު ކަނޑޫދޫ މިރުހުގެ އަގު ރަނަށްވެ ކިލޯއެއްގެ އަގު ވަނީ އެއްހާހަށްވުރެ މައްޗަށް އަރާފައެވެ.

މިދިޔަ އަހަރު މިރުހުގެ އަގަށް އަައި ބަދަލުތަކަށް އިޝާރަތްކުރައްވަމުން މިނިސްޓަރ ވިދާޅުވީ މިފަހަރު މިރުހުގެ އަގު ހެޔޮކުރުމަށް އެހެން ގޮތްތަކެއް ހޯއްދަވާނެކަމަށެވެ. މިގޮތުން ރާއްޖޭގެ ދަނޑުވެރިން ހައްދާ އުފެއްދުންތައް ނުވަތަ ވަކި ރަށެއްގެ އުފެއްދުންތައް އަގު ހެޔޮކުރަން ދަތިވި ނަމަވެސް އެންމެ ބޮޑަށް އަގު އުފުލޭ ބާވްތައް ބަައިގެން އެ ބާވަތްތައް އަގު ތިރިކުރުމަށް ގޮތްތަކެއް ރާވާނެކަމަށެވެ.

" މިދިޔަ އަހަރުގެ ތަޖުރިބާއިން އަޅުގަނޑުމެންނަށް އެނގުނީ މިރުސް އެބަ ހުންނަންޖެހޭކަން. އަޅުގަނޑުމެން މިއަހަރު ބަލާނަން ކަނޑޫދޫ މިރުސް ނޫން އެކަމަކު ސިލޯނުގެ މިރުސް ނަމަވެސް މާކެޓުގައި މިރުސް އަގުހެޔޮކޮށް ލިބޭނެ ގޮތެއް ވޭތޯ ބަލަން. ވަކި ރަށެއްގެ މިރުސް އަގުހެޔޮކޮށް ނުނެރެވޭނެ. އެހެންނަމަވެސް ގިތެޔޮ މިރުސް އަގުހެޔޮކޮށް ލިބޭނެ ގޮތް ހަދާދޭނަން." ފައްޔާޟް ވިދާޅުވިއެވެ.

ކޮންމެ ރޯދަމަހަކުވެސް އެންމެ ބޮޑަށް އަގު އުފުލިގެންދާ ތަކެތީގެ ތެރޭގައި ފިޔާ، ބިސް، އަލުވި ހިމެނެއެވެ. މި ތަކެތީގެ އަގުތައް ކޮންޓްރޯލްކުރުމަށް ރޯދަމަހާއި ދިމާކޮށް އެސްޓިއޯއިން މިތަކެތި އެތެރެކޮށް ބާޒާރަށް ނެރެއެވެ.