92 ދާއިރާއަކުން އިންވެސްޓުކުރެވޭ ގޮތަށް ސަރުކާރުން ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ އާންމުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ މި ޕޮލިސީގައި އަލަށް ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކާއި މިހާރު އިންވެސްޓުކުރަމުންދާ ފަރާތްތައް ޢަމަލުކުރަންޖެހޭ ގޮތުގެ މަޢުލޫމާތު ހިމަނާފައިވެއެވެ.
މި ޕޮލިސީއާއެކު ޖުމްލަ 92 ބާވަތުގެ ވިޔަފާރިއަކަށް އިންވެސްޓުކުރުމުގެ ހުއްދަ ބޭރުގެ އިންވެސްޓަރުންނަށް ލިބޭނެއެވެ. އަދި އިތުރަށް ރިވިއުކުރުމަށްފަހު ސަރުކާރުން ވަނީ 55 ދާއިރާއަކުން ވިޔަފާރިކުރުމަށް ހުއްދަދީފައެވެ.
މީގެ އިތުރުން ފޮރިން އިންވެސްޓަރުންނަށް ވިޔަފާރިކުރުން ހަނިކުރެވިފައިވާ 37 ދާއިރައެއް ހިމަނާފައިވާއިރު މިދާއިރާތަކަށް އިންވެސްޓުކުރުމުގެ އެންމެ ދިގު މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 5 އަހަރު ދުވަހުގެ މުއްދަތެކެވެ. މިނިސްޓްރީން ބުނީ 31 ޑިސެމްބަރު 2025 ގެ ނިޔަލަށް މި މުއްދަތު ހަމަވާނެކަމަށެވެ.
މި ޕޮލިސީގެ ދަށުން ފޮރިން އިންވެސްޓްމަންޓްކުރުން މަނާ 29 ދާއިރައެއް ވެސް ސަރުކާރުން ކަނޑައަޅާފައިވެއެވެ. މީގެ ތެރޭގައި ރީޓެއިލް ވިޔަފާރިތަކާއި ފޮޓޯގްރަފީ ފަދަ ދާއިރާތައް ހިމެނެއެވެ.
ސަރުކާރުން އަލަށް އެކުލަވާލި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީއާއި ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވިދާޅުވީ މި ޕޮލިސީއާއެކު ރާއްޖޭގައި ވިޔަފާރިކުރުމުގެ ފުރުސަތު އޮތް ދާއިރާތައް އިންވެސްޓަރުންނަށް ހާމަވާނެކަމަށެވެ.
މީގެ ކުރިން ފޮރިން އިންވެސްޓްމަންޓްތަކަށް ހުއްދަދިނުން އޮންނަނީ އިކޮނޮމިކް މިނިސްޓަރގެ ލަފާގެ މަތިންނެވެ.
އެހެންނަމަވެސް މިނިސްޓްރީން އެކުލަވާލި ޕޮލިސީއާއެކު ބޭރުގެ އިންވެސްޓްމަންޓްތައް ހުއްދަ ދިނުމުގައި ޢަމަލުކުރަންޖެހޭ ގޮތް ސާފުވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ބައެއް ދާއިރާތަކުން އަޅުގަނޑުމެން މިހާރު ވިޔަފާރިކުރަން ހަނިކުރީ. އަނެއްބައި ދާއިރާތަކުން ފުޅާކުރީ. އެގޮތުން އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުންވާ ދާއިރާއެއް ޑައިވިންގ ދާއިރާއަކީ. މިއީ ކުރިން %100 ގައި އިންވެސްޓަރުންނަށް އިންވެސްޓްކުރެވޭ ދާއިރާއެއް. އެހެންނަމަވެސް މިއަދުން ފެށިގެން އަޅުގަނޑުމެން %20 ދިވެއްސަކާއި އެއްކޮށް ޖޮއިންޓްވެންޗަރ އެއްގެ ގޮތުގައި އެކަން ކުރެވޭ ގޮތަށް މިހެދީ."
މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެފްޑީއައި ޕޮލިސީ މެދުވެރިކޮށް ރާއްޖޭގައި ހިންގާ ޕީއެސްއައިޕީ އެކި މަޝްރޫޢުތަކަށް ފައިސާ ހޯދުމަށްޓަކައި އެމްއެމްއޭ ނުވަތަ ސީއެމްޑީއޭ މެދުވެރިކޮށް ޕްރޮޑަކްޓްތަކަށް އިންވެސްޓްކުރެވޭނެ ގޮތް ހަމަޖައްސާފައިވާކަމަށެވެ. އަދި މި އުސޫލުގެ ދަށުން އިންވެސްޓަރުންނަށް މިނިސްޓްރީގައި ހުއްދައަށް އެދެވޭނެކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި އިމާރާތްކުރުމުގެ ދާއިރާއަށް އިންވެސްޓްމަންޓްތައް ލިބެމުންދާކަމަށެވެ.