ޚަބަރު

ނޮޅިވަރަންފަރަށް ބަދަލުކުރި ރައްޔިތުންނަށް ހަދާ ހައުސިންގ ޔުނިޓްތައް ދެ މަސްތެރޭ ނިމޭނެ


އާބާދީ އާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހދ. ނޮޅިފަރަންފަރަށް ބަދަލުކުރި އާއިލާތަަކަށް ދާއިމީ ބޯހިޔާވަހިކަން ދިނުމަށް ހަދާ 52 ހައުސިންގ ޔުނިޓްގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭގައި ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ހައުސިންގ މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

ހދ ނޮޅިވަރަންފަރަށް ވަނީ އެ އަތޮޅުގެ 3 ރަށެއްގެ މީހުން ބަދަލުކޮށްފައެވެ.

އެއްފަސްކުރުމުގެ ސިޔާސަތުގެދަށުން 2011ވަނަ އަހަރު ހދ.ނޮޅިވަރަންފަރަށް ބަދަލުކުރީ އެއަތޮޅު ކުނބުރުދޫ ފަރިދޫ އަދި މާވައިދޫގެ ރައްޔިތުންނެވެ.

އޭރުގެ ސަރުކާރުން އެފަރާތްތަކަށް ޚާއްސަކޮށްގެން ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފެށިނަމަވެސް މިހާތަނަށްވެސް އެ ގެތަކުގެ މަސައްކަތް ނިންމައި އެ ގެތަކުގައި މީހުންނަށް އުޅެން ފެށިފައެއް ނުވެއެވެ.

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރި ހައުސިންގ މަޝްރޫޢުގެ މަސައްކަތް އެކި ސަބަބުތަކާއިހުރެ ކުރިއަށްނުގެންދެވި 9 އަހަރު ވަނީ ވެފައެވެ. މަސައްކަތް ހުއްޓުނުއިރު ގެތަކުގެ ސްޓްރަކްޗަރގެ މަސައްކަތާއި، އަދި ބައެއް ގެތަކުގެ ފުރާޅުގެ މަސައްކަތް ކޮށްފައިވާކަމަށް ހައުސިންގ މިނިސްޓްރީއިން މަޢުލޫމާތުދެއްވައެވެ.

ނަމަވެސް ޕްރޮޖެކްޓްގެ މަސައްކަތް އަލުން ނޫމަޑިއާއި ހަވާލުކޮށް ކުރިއަށްގެންދިއުމަށް ހައުސިންގ މިނިސްޓްރީން ވަނީ ނިންމާފައެވެ. އަދި މިކަމުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ. މިނިސްޓްރީއިން ވިދާޅުވެފައި ވަނީ ބައެއް ގެތަކުގެ ފުރާޅުތައް ހަލާކުވެ ބޭނުން ނުކުރެވޭ ވަރުވުމުގެ ސަބަބުން އަލުން ފުރާޅު އަޅަން ޖެހުނު ކަމަށެވެ.

ގިނަ މަސައްކަތަކެއް އަލުން ކުރަންޖެހުމުގެ ސަބަބުން ސަރުކާރުން ބޮޑު ޚަރަދެއްދާކަންވެސް މިނިސްޓްރީން ފާހަގަކުރެއެވެ. މި މަސައްކަތް ކުރުމަށް ޕީއެސްއައިޕީ ބަޖެޓުން 659 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހިމަނާފައެވެ.

މިނިސްޓްރީއިން ބުނެފައިވަނީ ކުރިއަށް އޮތް 2މަސް ތެރޭގައި ގެތަކުގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މަސައްކަތް ނިމުމާއިއެކު ގެތަކުގެ ވެރިންނާއި ގެތަށް ހަވާލުކުރާނެކަމަށެވެ.

ނޮޅިވަރަންފަރު ކައުންސިލުން މަޢުލޫމާތުދެއްވާ ގޮތުގައި މި 52އާއިލާ މިހާތަނަށް ދިރިއުޅެމުން އައިސްފައި ވަނީ އެމީހުން އަމިއްލައަށް ހޯދާފައިވާ ތަންތަނުގައެވެ.

އާއިލާތަށް އެރަށަށް ބަދަލުކުރިތާ 9 އަހަރުވެފައި ވާއިރު، ބޯހިޔާވަހިކަން ނުދެވި ވީ ދުވަސްތަކަށް އެފަރާތްތަކަށް ފައިސާއިން ބަދަލު ދިނުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފަށާފައެވެ.

މި ފައިސާ ބަހަނީ ތިން މަރުޙަލާއަކަށެވެ. އެގޮތުން ފުރަތަމަ މަރުޙަލާގައި ބަހާފައިވަނީ 39 މަހައްވާ ފައިސާއެވެ. އެއީ އާއިލާއަކަށް އެއްލައްކަ ސަތާރަ ހާސް ރުފިޔާއެވެ. މިއީ ގާތްގަނޑަކަށް 3 އަހަރުގެ މުއްދަތަށްވާ ފައިސާއެވެ. ބާކީ 2 މަރުޙަލާގެ ފައިސާ މިއަހަރުގެ ބަޖެޓުގައި ހިމަނައިގެން ބެހުމަށް ވަނީ ހަމަޖެހިފައެވެ.

މީހުން އެއްފަސްކުރި ރަށްތަކުގެ ތެރެއިން ބޯހިޔާވަހިކަން މިހާތަނަށް ނުދެވިވާ ރަށަކީ ނޮޅިވަރަށް ފަރެވެ. މި 52 އާއިލާއަށް ބޯހިޔާވަހިކަން ދެވުމުން، އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަންދޭންޖެހޭ އާއިލާތަނަށް ބޯހިޔަވާ ފޯރުކޮށްދީ ނިމޭނެއެވެ.

ނޮޅިވަރަށްފަރަށް ބަދަލުކުރި އާއިލާތަކާއި އެކު އެކު އެރަށުގެ އާބާދީ 2000އާއި ގާތްކުރެއެވެ.