ވޭތުވެ ދިޔަ ތަނުގައި ކޮމަންވެލްތުން ރާއްޖެއަށް ވެ ދީފައިވާ އެހީތަކަކީ ކޮބައިކަން އާންމުންނަށް ސާފުވެފައި ނުވާކަމަށް ފޮރިިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖް ޑރ. އާސިމް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ އާސިމް އަހުމަދު މިހެން ވިދާޅުވީ، ރާއްޖެއިން ކޮމަންވެލްތުގައި އަލުން ބައިވެރިވުމާއި އަދި އެޖަމިއްޔާއިން ރާއްޖެއަށް ވެދީފައިވާ އެހީތަކާއި ގުޅޭ ގޮތުން ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަދި ކުރިޔަށްއޮތް ތަނުގައި ކޮމަންވެލްތް މެދުވެރިކޮށް ދިވެހިރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ،
ރާއްޖެއިން ކޮމަންވެލްތާއި ގުޅުމުން ލިބޭނެ ފައިދާތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ފޮރިިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖް ޑރ. އާސިމް އަހުމަދު ވަނީ 2016 ވަނަ އަހަރު ރާއްޖެއިން ކޮމަންވެލްތާއި ވަކިވުމާއި ހަމައަށް ވެދީފައިވާ އެހީތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ތަޢުލީމީ ދާއިރާއިން ސްކޮލަޝިޕް ފުރުސަތުތަކާއި، ޒުވާނުންނަށް އަދި ވަކިން ޚާއްސަކޮށް ކުޅިވަރު ދާއިރާއިން ވެދޭ އެހީތަކަށް އެމްބެސެޑަރ އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން މުއައްސަސާތައް ހިންގުމުގެ ދާއިރާއިން ތަމްރީނާއި ވަސީލަތް ފޯރުކޮށްދީފައިވާކަން އެމްބެސެޑަރ ޑރ. އާސިމް އަހުމަދު ފާހަގަކުރެއްވިއެވެ.
"ކޮމަންވެލްތަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރި އަދި މިހާރު އަނެއްކާވެސް އަދާކުރާނެ ބައެއް. އގޮތުން ތަޢުލީމީ ދާއިރާއިން ފުރަތަމަ ޑިގްރީގެ ޕްރޮގްރާމްތައް ތަޢާރަފްކޮށް ހިންގާފައިވާއިރު، އިތުރު ފުރުސަތުތައް ވަނީ ފަހުކޮށްދީފައި. އޮލިމްޕިްކްއަށް ފަހު އެންމެ ބޮޑު ކުޅިވަރު ހަރަކާތަކީ ކޮމަންވެލްތް ގޭމްސް. މިހާރު މިރުސަތު ދިވެހި ޒުވާނުންނަށް އަލުން މިވަނީ ލިބިފައި. ކޮމަންވެލްތުން ރާއްޖެއަށް ގަވަނެންސް ނުވަތަ ހިންގުމުގެ ދާއިރާއިން ތަމްރީން އަދި ވަސީލަތައްވެސް ވަނީ ފޯރުކޮށްދީފައި." އެމްބެސެޑަރ އެޓް ލާޖް ޑރ. އާސިމް އަހުމަދު ވިދާޅުވިއެވެ.
ރާއްޖެއިން ކޮމަންވެލްތުން 2016 ވަނަ އަހަރު ވަކިވީ ރާއްޖެއަށް އެޖަމިއްޔާއިން އެދެވޭ ވަރުގެ ބޮޑެތި އެހީ ނުލިބޭތީކަމަށް ބުނެއެވެ. މިކަން ދޮގުކުރައްވާ އެމްބެސެޑަރ އެޓް ލާޖް ޑރ. އާސިމް އަހުމަދު ވަނީ، ވޭތުވެ ދިޔަ ތަނުގައި ރާއްޖެއަށް ކޮމަންވެލްތުން ވެ ދީފައިވާ އެހީ އާންމުންނަށް ސާފުވެފައި ނުވާކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއަށް އެ ޖަމިއްޔާގެ އެހީ ބޭނުންވި ކޮންމެ ފަހަރަކުވެސް އެހީވެފައިވާކަން ޑރ. އާސިމް ފާހަގަކުރެއްވިއެވެ. އެގޮތުން 2004 ވަނަ އަހަރު އެރި ސުނާމީ ކާރިސާގައި ޑޮކްޓަރުންނާއި ސިއްޙީ ތަޖުރިބާކާރުން ރާއްޖެއަށް ފޮނުވައިދީފައި ވާއިރު، ރާއްޖޭގެ ޤައުމީ ދިފާއީ ބާރު ވަރުގަދަކުރުމަށް ވެދީފައިވާ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމްބެސެޑަރ އެޓް ލާޖް ވަނީ، ކުރިއަށް އޮތްތަނުގައި ކޮމަންވެލްތް މެދުވެރިކޮށް ދިވެހިރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވޭނެ ކަމުގައިވެސް ވިދާޅުވެފައެވެ.
" ކޮންމެ ފަހަރަކުވެސް ރާއްޖެއަށް އެހީ ބޭނުންވާއިރު ކޮމަންވެލްތުން ރާއްޖެއަށް އެހީ ވަނީ ވެފައި.2004 ވަނަ އަހަރު އެރި ސުނާމީ ކާރިސާގައި ޑޮކްޓަރުންނާއި ސިއްޙީ ތަޖުރިބާކާރުން ރާއްޖެއަށް ފޮނުވާފައިވާއިރު، ރާއްޖޭގެ ޤައުމީ ދިފާއީ ބާރު ވަރުގަދަކުރުމަށް އެހީވެފައިވޭ. ތިމާވެށީގެ ދާއިރާއިން ކަނޑުގެ ސަރަހައްދު ކަނޑައެޅުމާއި، ކޮންޓިނެންޓަލް ޝެލްފް ކަނޑައެޅުމުގައިވެސް އެހީވެދީފައިވޭ." އެމްބެސެޑަރ އެޓް ލާޖް ޑރ. އާސިމް އަހުމަދު ވިދާޅުވިއެވެ.
ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވީ 2016 ވަނަ އަހަރުގެ އޮކްޓޯބަރ 13 ގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ. އަދި އެނިންމުން ބަދަލުކޮށް ދިވެހިރާއްޖެއިން ކޮމަންވެލްތުގެ މެމްބަރަކަށް އަލުން ވުމަށް ސަރުކާރުން ހުށަހެޅީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުގައެވެ. ކޮމަންވެލްތުގައި އަލުން ބައިވެރިވުމަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އެވައުދުފުޅާއި އެއްގޮތަށް ރާއްޖެއިން އަލުން ކޮމަންވެލްތުގައި ބައިވެރިވެފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހުގައެވެ.