ސްޓެލްކޯގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ސޯލާ ޕެނަލް ގަނެވޭނެ ޚާއްސަ ސްކީމެއް ތަޢާރަފްކޮށްފިއެވެ. ސްޓެލްކޯގެ ގްރީން ލައިފް އިނީޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ މިސްކީމްގެ ފުރަތަމަ މަރުޙަލާގައި ފުރުސަތު ހުޅުވާލާފައިވަނީ ހަމައެކަނި އެކުންފުނީގެ ގްރޭޓަރ މާލޭ ސަރަޙައްދުގެ މުވައްޒަފުންނަށްކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
މުވައްޒަފުންނަށް ޚާއްސަކޮށްގެން ތަޢާރަފްކުރި ސޯލާ ޕެނަލް ސްކީމް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ މި ސްކީމްގެ ދަށުން ފުރަތަމަ އެކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލިނަމަވެސް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ސްޓެލްކޯގެ ޚިދުމަތްދޭ ހުރިހާ ރަށަކަށްވެސް މިސްކީމުގެ ދަށުން ސޯލާ ޕެނަލް ގަނެވޭނެ ފުރުސަތު ހުޅުވާލާނެކަމަށެވެ. އަދި ހުރިހާ ރަށަކަށްވެސް ސޯލާ ޕެނަލް ފޯރުކޮށްދޭނީ އެއް އަގެއްގައިކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. ސޯލާ ޕެނަލް ހަރުކުރުމުގެ ސަބަބުން ކަރަންޓު ބިލު ކުޑަކުރެވޭނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
ސްޓެލްކޯއިން ވިއްކާ ސޯލާ ޕެނަލްގެ އަގަކީ 30000 ރުފިޔާއެވެ. އިންސްޓޯލްމަންޓް އުސޫލުން މި ސްކީމުގައި ސޯލާ ޕެނަލް ގަނެވޭއިރު 3 ޕެކޭޖެއް މި ސްކީމުގައި ހިމެނެއެވެ. އެގޮތުން 3 އަހަރުގެ މުއްދަތަކަށް ބަހާލައިގެން ދެއްކޭގޮތަށް ހަމަޖައްސާފައިވާ ޕެކޭޖުގައި މަހެއްގެ މައްޗަށް އަށްސަތޭކަ އަށްޑިހަ އެއް ރުފިޔާ ދައްކަން ޖެހެއެވެ. 5 އަހަރުގެ މުއްދަތަށް ބަހާލައިގެން ފައިސާ ދެއްކޭ ގޮތަށް ހަމަޖައްސާފައިވާ ޕެކޭޖުގައި ކޮންމެ މަހަކު ހަސަތޭކަ އަތަރު ރުފިޔާ ދައްކަންޖެހެއެވެ. އަދި 7 އަހަރު ދުވަހަށް ހަމަޖައްސާފައިވާ ޕެކޭޖުގައި މަހަކު ހަތަރު ސަތޭކަ އަށްޑިހަ ފަސް ރުފިޔާ ދައްކަންޖެހޭކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ. އަދި މިއިން ކޮންމެ ޕެކޭޖެއް ނަގާއިރުވެސް ޑައުންޕޭމަންޓެއްގެ ގޮތުގައި 5000 ރުފިޔާ ދައްކަން ޖެހޭކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
މި ސްކީމް އިފްތިތާޙްކޮށްދެއްވާ ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ ސްޓެލްކޯގެ ގްރީން ލައިފް އިނީޝިއޭޓިވްގެ ދަށުން މި ސްކީމް ތަޢާރަފުކޮށް ސޯލާ ޕެނަލް ދޫކުރުމުގެ މަޤްޞަދަކީ ކަރަންޓު އުފެއްދުމަށް ކުރާ ހޭދަ ކުޑަކޮށް ބިލުތައް ކުޑަކުރުންކަމަށެވެ.
ސޯލާ ޕެނަލް ގޭގައި ހަރުކުރުމަށް ޑައުންޕޭމަންޓު ދައްކާ ހިސާބުން ސްޓެލްކޯގެ ޓީމުން މަސައްކަތް ފަށާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ. އެގޮތުން އެގެއެއްގެ ފުރާޅުގައި ޕެނަލްތައް ހަރުކުރެވޭނެ ގޮތްތަކާއި ހަރުކުރެވޭނެ ޢަދަދު ދެނެގަތުމާއި ޕެނަލް ހަރުކޮށްދިނުމުގެ ހުރިހާކަމެއް ކުރާނީ ސީދާ ސްޓެލްކޯއިންކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ. ގްރޭޓަރ މާލޭ ސަރަޙައްދުގެ ކަރަންޓު ފޯރުކޮށްދިނުމުގެ މައި ކުންފުނިކަމަށްވާ ސްޓެލްކޯއިން އިޔާދަކުރަނިވި ހަކަތައާއި ދިމާއަށް މިސްރާބު ޖަހާފައިވާއިރު ދުވާލު ބޭނުން ކުރާ ކަރަންޓުގެ އެންމެ މަތީ ޢަދަދުގެ 70 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ ސަރުކާރުގެ އަމާޒެވެ.