ޚަބަރު

ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ފުރަތަމަފަހަރު އަތޮޅެއްގައި ފަށައިފި


ސްވިމިންގ އެސޯސިއޭޝަނާއި، ހއ.ދިއްދޫ ސްވިމިންގ ކޮމިޔުނިޓީން އިސް ނަގައިގެން، ހއ.ދިއްދޫގައި ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފަށައިފިއެވެ. އެއެސޯސިއޭޝަނުން މައުލޫމާތު ދިންގޮތުގައި މިއީ، މާލެ ފިޔަވާ ރާއްޖޭގެ އެހެން ރަށެއްގައި އެ އެސޯސިއޭޝަނުގެ ބެލުމުގެ ދަށުން ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.

ޖުމްލަ 14 ކޯޗުންގެ އެހީތެރިކަމާއިއެކު ފެށި މި ޕްރޮގްރާމްގައި 40 ފެތުންތެރިން ވަނީ މިހާތަނަށް ބައިވެރިވެފައެވެ. ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ، ސްވިމިންގ ކުރިއެރުވުމަށް ބިގިނަރ ލެވެލް އިން ފެށިގެން، ސްކޮޑް ލެވެލް އަށް ފެތުންތެރިން ގެންދިޔުމަށް އަމާޒުކޮށްގެން ހިންގޭ، ޕްރޮގްރާމެކެވެ.

ހއ.ދިއްދޫ ކައުންސިލާއި، ހއ.އަތޮޅު ކައުންސިލް އަދި ސްކޫލްތަކުގެ ބޮޑު އެހީތެރިކަމާއިއެކު ފެށި މި ޕްރޮގްރާމްގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހއ.ދިއްދޫގައި ސަރުކާރުން އަޅުއްވައިދެއްވި ފްލޯޓިންގ ސްވިމިންގ ޕްލެޓްފޯރމް ސަރަޙައްދުގައެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އެ އެސޯސިއޭޝަނާއި ގުޅިގެން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްވިމިންގ ޕްލެޓްފޯރމްތައް ގާއިމްކޮށްފައިވާ އަދި، މިހާރުވެސް ކުރަމުންދާ ރަށްރަށަށް އަމާޒުކޮށްގެން ބީ.އެމް.އެލްގެ އެހީތެރިކަމާއިއެކު ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ފެއްޓުމަށް ވަނީ ހަމަޖެހިފައެވެ.