ކުޅިވަރު

އިންޓަރނޭޝަނަލް ޓީޓީ މުބާރާތައް އުކުޅަސް ތައްޔާރު!


އޭޕްރީލް މަހުގެ 7 އިން 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ޓީޓީ މުބާރާތައް އުކުޅަސް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް އުކުޅަކު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ވިކްޓްރީސް ސްޕޯޓްސް ކުލަބާއި، ޓީޓީ އެސޯސިއޭޝަނާއި، އުކުޅަހު ކައުންސިލް ގުޅިގެން ބާއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ޓީޓީ މުބާރާތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އުކުޅަހު ކައުންސިލްގެ ޒިންމާދާރު ވެރިޔާ ވަހީދު ވިދާޅުވީ މުބާރާތައް ވާންޖެހޭ ތައްޔާރީތައް ކައުންސިލުން ވަމުންދާކަމަށެވެ. މުބާރާތައް ފުރިހަމަ ކުރަންޖެހޭ ކަންކަން ބަލައި ކައުންސިލާއި މަޝްވަރާ ކުރުމަށް ނިމިދިޔަ މަހުގެ ތެރޭގައި މުބާރާތް އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ ޓީމުން އުކުޅަހަށް ވަޑައިގެން ކައުންސިލާ އެކަންކަން ހިއްސާ ކޮށްފައިވާކަމަށް ވަހީދު ވިދާޅުވިއެވެ.

މިމުބާރާތް އުކުޅަހުގައި ބާއްވަން އިންތިޒާމު ކުރިފަރާތުން ނިންމީ އުކުޅަކުގައި މިފަދަ މުބާރާތެއް ބޭއްވޭ ވަރުގެ އިންޑޯ ހޯލަކާއި، އެކަމަޑޭޝަނާއި، ކެއުމުގެ ކަންކަންވެސް ހަމަޖެހެން އޮތުމުންކަމަށެވެ. އަދި އުކުޅަހަކީ މިފަދަ ކަންކަމުގައި ނަމޫނާ ދައްކާފައިވާ ރަށަކަށްވުންކަމަށް އޭނާ ވިދާޅުވިއެވެ.

"މިރަށުގައި ބޭއްވިއްޖެ މުޅި ރާއްޖެއިން މީހުން ގެނެސްގެން ސިޔާސީ ބޮޑު އިވެންޓެއްވެސް. ޑރ.އުގައިލްވެސް މިރަށުގައި އިންޓަރނޭޝަނަލް ކޮންފަރެންސެއްވެސް ބޭއްވި. އޭގައިވެސް 50 ސައިންސްވެރިން ބައިވެރިވި. އެހެންކަމުން މިމުބާރާތް އިންތިޒާމުކޮަށް ބޭއްވުމަށްވެސް އަޅުގަނޑުމެންނަށް އެއްވެސް ޗެލެންޖެއްނެތް. އުކުޅަހު ރައްޔިތުންނަކ މިފަދަ ހުރިހާ ކަންކަމަށް ވަރަށް އެއްބާރުލުންދޭ ރައްޔިތެއް ދިރިއުޅޭ ރަށެއް." ވަހީދު ވިދާޅުވިއެވެ.

މުބާރާތުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 60 ބައިވެރިންނަށްކަމަށް ވަހީދު ވިދާޅުވިއެވެ. މިހާރު މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާފައިވާކަމަށާއި، މުބާރާތުގައި ބައިވެރިވުމުން ފޯމް އުކުޅަކު ކައުންސިލް ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށް ވަހީދު ވިދާޅުވިއެވެ.

މުބާރާތަކީ އިންޓަރނޭޝަނަލް ބޮޑު މުބާރާތަކަަށްވުމުން އިންޓަރނޭޝަނަލް މާކެޓިންގެ ބޮޑު ޕްރޮމޯޝަނެއްވެސް މިހާރު ފެށިގެންދާކަމަށެވެ. އެގޮތުން ބައިވެރިންނަށް ހުޅުވާލުމާއި، ސްޕޮންސާ ހޯދުމުގެ މަސައްކަތްވެސް އެފަރާތުން ކުރަމުންދާކަމަށް ވަހީދު ވިދާޅުވިއެވެ.

"މިހާރު އެންމެފަހުގެ ތައްޔާރީތައް ވަމުންދަނީ. އުކުޅަކު ކައުންސިލް ވެބްސައިޓުން މުބާރާތުގައ ބައިވެރިވާ ފޯމާއި، މުބާރާތުގެ ތަފްސީލް ފެންނަން ހުންނާނެ. މިހާރު އިންޓަރނޭޝަނަލް މާކެޓިން ކެންޕެއިން ވަނީ ފެށިފަ. ލިމިޓެއްގެ ގޮތުގައި 60 ޕާޓިސިޕަންޓްސްއަށް ޖާގަ ދޭގޮތަށް. ސްޕޮންސާގެ ކަންތައްވެސް ކުރިއަށްއެބަދޭ. ރާވިފައިވާ ގޮތަށް ހުރިހާކަމެއްވެސް އެބަދޭ ކުރިއަށް." ވަހީދު ވިދާޅުވިއެވެ.

އޭޕްރީލް މަހުގެ 7 އިން 10 އަށް އުކުޅަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ޓީޓީ މުބާރާތަކީ ރާއްޖޭގެ ރަށެއްގައި ބާއްވާ މިފަދަ ޓީޓީ ފުރަތަމަ އިންޓަރނޭޝަނަލް މުބާރާތެއެވެ..