ސިޔާސީ

ނާއިބު ރައީސްއަށް ރުހުން ދިނުމުގެ ބަހުސް އެއްގަޑިއިރަށް


ރައީސުލްޖުމްހޫރިއްޔާގެ
ނައިބުކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅަށް
ރުހުން ދިނުމަށް ބާއްވާ ބަހުސް އެއްގަޑިއިރަށް ކުރިއަށްގެންދާގޮތަށް މަޖިލީހުގެ
ގަވާއިދު އިސްލާހުކޮށްފިއެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު
މަޖިލީހުގެ ގަވާއިދަށް ހުށައެޅުއްވި އެ އިސްލާހު ފާސްވީ ކޮމިޓީގައި ބައިވެރިވި
މެމްބަރުންގެ އަޣްލަބިއްޔަތުނެވެ. 

ރައީސުލްޖުމްހޫރިއްޔާ ރުހުން ހޯއްދެވުމަށް
މަޖިލީހަށް ފޮނުއްވާ މައްސަލަތަކުގައި މިހާތަނަށް އަމަލުކުރަމުން އައިސްފައިވަނީ،
ނަންފުޅު އެޖެންޑާކޮށް ކޮމިޓީ ރިޕޯޓް މެމްބަރުންނަށް ފޮނުވާތާ ތިން ދުވަހުގެ
ތެރޭގައި ގޮތެއް ނިންމަމުންނެވެ. ނަމަވެސް މިއަދު އިސްލާހުކުރި އެމާއްދާގައި
ބުނެފައިވަނީ، ކޮމިޓީ ރިޕޯޓް މެމްބަރުންނަށް ފޮނުވާ ދުވަހުވެސް އެމައްސަލާގައި
ވޯޓަށް އެހޭނެކަމަށެވެ. 

މަޖިލީހުގެ ގަވާއިދަށް މިގެނައި އިސްލާހަށްވެސް
އަމަލުކުރެވޭނީ، މަޖިލީހުން އެއިސްލާހު ފާސްކޮށްގެން. އެހެންކަމުން މި އިސްލާހަށް
އަންނަ ހޯމަ ދުވަހު ބާއްވާ ޖަލްސާގައި ވޯޓަށް އަހާނެކަމަށް ބެލެވެއެވެ. އަދި
އެދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑރ. މުހައްމަދު ޖަމީލް
އަހްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއިމެދުވެސް ގޮތެއް ނިންމާނެކަމަށް
މަޖިލީހުގެ ބައެއް މެމްބަރުންވަނީ ވިދާޅުވެފައެވެ.