ވިޔަފާރި

މިދިޔަ އަހަރު ފަތުރުވެރިކަމަށް 5000 އެނދު އިތުރުވި


2019 ވަނަ އަހަރުގެ ތެރޭގައި ފަތުރުވެރިކަމަށް މުޅިން އަލަށް 5 ހާހަށްވުރެ ގިނަ އެނދު އިތުރުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން މުޅި ދުނިޔޭގައިވެސް މަޤްބޫލު ފަތުރުވެރިކަމަކަށް މިހާރު ވެފައިވާއިރު، ފަތުރުވެރިކަމަށް ކޮންމެ އަހަރަކުވެސް އިތުރު އެނދުތައް އަންނަނީ އިތުރުވަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރުގެ ތެރޭގައި ފަތުރުވެރިކަމަށް 5860 އެނދު ވަނީ އިތުރުވެފައެވެ. މީގެތެރޭގައި ރިސޯޓްތަކާއި، ހޮޓެލްތަކާއި، ގެސްޓްހައުސްތަކާއި ސަފާރީތައް ހިމެނެއެވެ.

2019 ވަނަ އަހަރު ނިމުނުއިރު، ރާއްޖޭގައި 158 ރިސޯޓާއި 607 ގެސްޓް ހައުސް އަދި 12 ޓޫރިސްޓް ހޮޓަލާއި 156 ސަފާރީ ވަނީ އޮޕަރޭޓްކޮށްފައެވެ. މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭ އަންނަ ފަތުރުވެރިންނަށް ޙިދުމަތް ދިނުމަށް ޖުމްލަ 50591 އެނދު އޮޕަރޭޓްކޮށްފައިވެއެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ވިދާޅުވީ، މިއަހަރުގެ ތެރޭގައި 1300 އެނދު ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރުވެގެންދާނެކަމަށެވެ. އަދި މިއަހަރު 13 ރިސޯޓާއި 74 ގެސްޓްހައުސް އަލަށް ހުޅުވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ގިނަ ރިސޯޓްތަކާއި ހޮޓާތައް ހުޅުވަމުންދާއިރު، ދަތުރުފަތުރުގެ ސިނަޢާތްވެސް ސަރުކާރުން ދަނީ ތަރައްޤީކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.5 މިލިއަނަށް ގެންދިއުމެވެ.