ޚަބަރު

އުތީމުގައި ހަދާ އާ އިންޖީނުގޭގެ ޢަމަލީ މަސައްކަތް ފަށައިފި


ހއ.އުތީމުގައި ހަދާ އާ އިންޖީނުގޭގެ ޢަމަލީ މަސައްކަތް ފެނަކައިން ފަށައިފިއެވެ. މި މަޝްރޫޢުއަކީ މީހުންދިއުޅޭ ސަރަޙައްދުގައި ހުރި އިންޖީނުގެ، މީހުން ދިރިނޫޅޭ ސަރަޙައްދަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑާއެވެ. މިޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ 2ވަނަ ދުވަހުއެވެ. ޕްރޮޖެކްޓްގެ ދަށުން އިންޖީނުގެއާއި، އޮފީސް އިމާރާތާއި، ޑީސަލް ރައްކާކުރާ ޓޭންކާއި ޗިމްނީ ހެދުން ހިމެނެއެވެ.

7މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓްގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރުމަހު ނިންމާނެކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.

އުތީމުގައި މިހާރު ބޭނުންކުރަމުން އަންނަކީ 100ކިލޯވޯޓާއި، 200ކިލޯވޮޓް އަދި 160ކިލޯވޮޓްގެ އިންޖީނާއިއެކު ޖުމްލަ 460ކިލޯވޮޓްގެ ކަރަންޓު ކެޕޭސިޓީއެވެ. އަދި އެ ރަށުގައި އިއާދަކުރަނިވި ހަކަތައިގެ ގޮތުގައި 150ކިލޯވޮޓްގެ ކަރަންޓު އަންނަނީ ބޭނުންކުރަމުންނެވެ.

އުތީމަކީ އާބާދީގައި 900އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.

ފެނަކަ ކޯޕަރޭޝަނުން އަންނަނީ އެ ކުންފުނިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްތަކުގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މީހުންނަށް އުނދަގޫވާގޮތަށް ރަށުތެރޭގައި ހުރި އިންޖީނުގެތަށް މީހުން ދިރިނޫޅޭ ސަރަޙައްދަަށް ބަދަލުކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ، މި މަސައްކަތުގެ ދަށުން 30އަށްވުރެ ގިނަ ރަށުގައި އާ އިންޖީނުގެ އެޅުމަށް މިހާރުވަނީ ހަވާލުކޮށްފައެވެ.
އަދި ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް އާ އިންޖީނު ގެންދިއުމާއި، އެ ކުންފުނިންދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްވެސްދަނީ މަސައްކަތް ކުރަމުންނެވެ.