ޚަބަރު

ހުޅަނގު އައްސޭރީގައި ޔަހޫދީން ކަރުނަގޭސް ޖަހައި ކުޑަކުދިންނަށް އަނިޔާކޮށްފި


އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކަށް ޔަހޫދީ ސިފައިން ވަދެގަނެ ހިންގި ލާއިންސާނީ ޖަރީމާތަކެއްގެ ތެރެއިން ކުޑަކުދިންތަކެއް ތިބި ސަަރަޙައްދަކަށް ކަރުނަގޭސް ޖެހުމާ ގުޅިގެން، އެ ކުދިންނަށް ނޭވާލާން އުނދަގޫވެ، ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ. ފަލަސްޠީނުގެ ނާބުލުސްގެ އިރުދެކުނުގައި އޮންނަ އަޤްރަބާ އަވަށުގައި ހުރި ޒައިތޫނި ތެޔޮ ހަދާ ކާރުޚާނާއަކަށާއި ޢާންމު އުޅަނދުފަހަރަށް އަމާޒުކޮށް ޔަހޫދީ ސިފައިން ކަރުނަގޭސް ޖަހާފައިވާ ކަމަށް 'ވޮއިސް އޮފް ޕަލަސްޓައިން' ރޭޑިޔޯއިން ބުންޏެވެ. މި ނުރައްކާތެރި ހާދިސާގެ ސަބަބުން އެ ތަނުގައި ތިބި ކުޑަކުދިންތަކަކަށް ކަރުނަގޭހުގެ ވިހަ ދުމުގެ އަސަރުކޮށް، ނޭވާލާން ވަރަށް ބޮޑަށް ދަތިވި ކަމުގައި މަޞްދަރުތަކުން ރިޕޯޓުކުރިއެވެ.

މީގެ އިތުރުން، އެހެން ހާދިސާއެއްގައި، ރާމަاللهގެ އިރުއުތުރުން އޮންނަ އަލް-މުޣައްޔަރު އަވަށުގެ ޢާންމުންގެ ގެއަކަށް ވަދެގަނެ، ޔަހޫދީ ފައުޖުން ވަނީ ދެ ޒުވާނަކު ހައްޔަރުކޮށްފައެވެ. އެ އަވަށުގެ އެކި މަގުތަކުގައި ޔަހޫދީ ސިފައިން ރުކުރުވައިލާފައިވާ މަންޒަރު އެ ސަރަޙައްދުގެ އެކްޓިވިސްޓުން ޢާންމުކުރި ވީޑިއޯތަކުން ފެނެއެވެ. މީގެ އިތުރުން، އަވަށުގެ މައި ދޮރާށީގައި ހުރި ހަނދާނީ ބިނާއެއްގައި ނަގާފައިވާ ފަލަސްޠީނުގެ ޤައުމީ ދިދަ ތިރިކުރުމަށް، ފަލަސްޠީނުގެ ޒުވާނަކަށް ޔަހޫދީ ސިފައިން ގަދަކަމުން މަޖުބޫރުކުރުވި މަންޒަރު ވެސް އެ ވީޑިއޯތަކުން ވަނީ ފެނިފައެވެ.

އަދި، ރާމަاللهގެ ހުޅަނގު އުތުރުގައިވާ ނަބީ ޞާލިޙު އަދި ދައިރު އަބޫ މަޝްޢާލް އަވަށުގެ ޢާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ޔަހޫދީ ފައުޖުތަކުން ބޮން އުކި ކަމުގައި ވަފާ ނޫސް އޭޖެންސީން ރިޕޯޓުކުރިއެވެ. ނަމަވެސް، އެ ހާދިސާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މީގެ އިތުރުން، އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ޤުދުސް ކައިރީގައިވާ އައް-ރާމް އަވަށުގެ ކަންމައްޗެއްގައި މަޑުކޮށްފައި އޮތް އުޅަނދުތަކަކަށް އަމާޒުކޮށް ޔަހޫދީ ސިފައިން ބޮމާއި ކަރުނަގޭސް ޖެހި ކަމުގައި ޤުދުސް ގަވަރުނަރޭޓުން ބުންޏެވެ. މި ކަމާ ގުޅިގެން ޖަބާ އަސްކަރީ ޗެކްޕޮއިންޓް ބަންދުކުރުމުން މަގުތައް ތޮއްޖެހުނުއިރު، ނާބުލުސްގެ ދެކުނުގައިވާ މާދަމާ އަވަށުގައި ޢާންމުންނާއި ޔަހޫދީ ސިފައިންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ.

2023 އޮކްޓޫބަރުގައި ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޤަތުލުޢާންމެއް ހިންގަން ފެށި ފަހުން ހުޅަނގު އައްސޭރީގައި ޔަހޫދީ އަސްކަރިއްޔާއާއި ޣައިރުޤާނޫނީ ޓެރެރިސްޓު ވަޒަންވެރިންގެ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ހަމަލާތަކުގެ ތެރޭގައި މީހުން ޝަހީދުކުރުމާއި، ގިނަ ޢަދަދެއްގެ މީހުން ހައްޔަރުކުރުމާއި، ގެދޮރު ތަޅާލުމާއި، މުދަލުގައި ހުޅުޖެހުން ހިމެނެއެވެ. މީގެ އިތުރުން، ބިންތައް ސުންނާފަތިކުރުމާއި ފަލަސްޠީނުގެ އާބާދީތައް ގަދަކަމުން ގެދޮރުން ނެރެ ބޭރުކުރުން ވެސް ހިމެނެއެވެ.