ކޮރޯނާވައިރަހާ ގުޅިގެން ޢާއްމުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދިޔަ އެކި ޕްރޮގްރާމްތަކުގައި މިހަފްތާގެ ނިޔަލަށް ޢާއްމުންގެ ފަނަރަ ހާހަށް ވުރެ ގިނަމީހުނަށް މަޢުލޫމާތު ފޯރުކޮށް ދީފައިވެއެވެ. އަދި ސިއްޙީ ޚިދުމަތްދޭ ފަރާތްތަކުގެތެރެއިން އަށްސަތޭކައަށް ވުރެ ގިނަ ފަރާތްތަކަށް އެކި ޕްރޮގްރާމްތައް ހިންގަފައިވެއެވެ. މީގެއިތުރުން ރާއްޖޭގެ އެކި ޕޯޓުތަކުގައި މަސައްކަތްކުރާ އަށްހާހަށްވުރެ ގިނަ ފަރާތްތަކަށް ވައިރަސްއާއި ބެހޭ މަޢުލޫމާތާއި ރައްކާތެރިކުރުމަށް ބޭނުންކުރާނެ ވަސީލަތްތަކުގެ މަޢުލޫމާތުވަނީ ފޯރުކޮށްދީފައެވެ.
ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖެއިން ރައްކާތެރިވުމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު އެންމެ އިސްކަމެއްދޭ އެއްކަމަކީ ކޮރޯނާވައިރަހާ ގުޅޭ ސައްޙަ މަޢުލޫމާތު ޢާއްމުނަށް ފޯރުކޮށްދިނުމެވެ. މިނިސްޓްރީ އޮފް ހެލްތާއި އެޗްޕީއޭއާއި ކަމާ ގުޅުންހުރި އެކި ފަރާތްތައް ގުޅިގެން މިކަމާގުޅޭ މަޢުލޫމާތު ރާއްޖޭގެ ޕޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށްވަނީ ދީފައެވެ. އެގޮތުން އިމިގްރޭޝަނާއި ކަސްޓަމްސްއާއި އެމްއޭސީއެލްއާއި އެމްޕީއެލްއާއި އެއަރޕޯޓް ރެޕްސްއާއި އެމްއެންޑީއެފާއި ޕޮލިހަށްވަނީ މަޢުލޫމާތު ދީފައެވެ.
މީގެ އިތުރުން ސިޓީ ކައުންސިލާއި ޓުރައިސްޓް ރިސޯޓުތަކުގެ މެނޭޖުމަންޓަށްވަނީ ކޮޜޯނާ ވައިރަހުގެ މައުލޫމާތު ދީފައެވެ. މި ފަރާތްތައް ހިމެނޭހެން ޖުމްލަ އަށްހާސް ހަސަތޭކަ އެކަކަށް ވަނީ މިމަޢުލޫމާތު ހިއްސާކޮށްފައެވެ.
މީގެ އިތުރުން ކޮރޯނާވައިރަހަށް ތައްޔާރުވުމުގެ ގޮތުން އެއަރޕޯޓުތަކުގައި ޙަރަކާތްތެރިވާ މުއައްސަސާތަކަށް ޚާއްސަކޮށްގެން ޓޭބަލް ޓޮޕްގެ ނަމުގައި ކުރިއަށް ގެންދިޔަ ޙަރަކާތުގައި 75 މީހަކުވަނީ ތަމްރީންކޮށްފައެވެ. މީގެތެރެގައި އިންޓަރނޭޝަނަލް ބޯޑަރ ހެލްތާއި އެވްސެކޮމްއާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓާއި އެއަރޕޯޓުގައި ޙަރަކާތްތެރިވާ އިތުރު ފަރާތްތައް ހިމެނޭކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
ކޮރޯނާވައިރަހުގެ ކްލިނިކަލް މެނޭޖްމަންޓް ގައިޑްލައިނަށް ސިއްޙީ ޚިދުމަތްދޭ ފަރާތްތައް އަހުލުވެރިކުރުމަށް ހިންގުނު ޕްރޮގްރާމްތަކުގައި ފަސްސަތޭކަ ދެ މީހަކަށްވަނީ އޮރިއެންޓޭޝަން ސެޝަންތައް ކުރިއަށް ގެންގޮސްފައެވެ. މީގެތެރޭގައި އައިޖީއެމްއެޗާއި އޭޑީކޭއާއި ހުޅުމާލޭ ހޮސްޕިޓަލާއި ސެނެހިޔާއާއި ޓްރީ ޓޮޕްގެ އިތުރުން ޕްރައިވެތް ބައެއް ކްލިނިކްތަކަށްވަނީ މިސެޝަންތައް ކުރިއަށް ގެންގޮސްފައެވެ.
މިކަމުގެ ކުރީސަފުގައި މަސައްކަތްކުރަނެ މީހުންނަށް ކޮރޯނާވައިރަހުގެ މަޢުލޫމާތު ދިނުމަށް ކުރިއަށްގެންދިޔަ ޓެލެކޮންފަރެންސެއްގައި ހުރިހާ އަތޮޅެއްގެ ރީޖަނަލް ހޮސްޕިޓަލްތަކުގެ ހެލްތު ވާކަރުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ލެބޯޓަރީ ޓެކްނީޝަނުންނަށްވަނީ މިމައުލޫމާތު ދީފައެވެ. މިޓެލެކޮންފަރެންސްގައި ތިންސަތޭކަ ފަންސާސް އަށް މީހަކުވަނީ ބައިވެރިވެފައެވެ.
އަތޮޅުތެރޭގެ ރަށްރަށުގެ ހޮސްޕިޓަލްތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނާއެކު ކުރެވުނު މަސައްކަތުން މިދިޔަ ހަފްތާގައިވަނީ ޢާއްމުންގެ ފަނަރަހާސް ދުއިސައްތަ ފަސްދޮޅަސް އަށް މީހަކަށް ކޮރޯނާވައިރަހުގެ މައުލޫމާތު ފޯރުކޮށްދީފައެވެ. ރަށްރަށުގައި ހިންގި އެކި ޕްރޮގްރާމްތަކުގައި ދޮރުން ދޮރަށް ގޮސްގެން މަޢުލޫމާތު ދިނުމުގެ އިތުރުން ސްކޫލްތަކާއި އަތޮޅުތެރޭގައި ހުރި ސަރުކާރުގެ މުވައްސަސާތަކަށްވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.
ކޮރޯނާވައިރަސްއާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކުގައި ކޮރޯނަވައިރަސް ފެތުރޭ ގޮތްތަކާއި އެއިން ރައްކާތެރިވުމަށް ކުރެވޭނެ މަސައްކަތްތަކާ ފަރުދީގޮތުން މުޖުތަމަޢު ގުޅިގެންކުރެވޭނެ ކަންތައްތައްވަނީ ކިޔާދީފައެވެ. ކޮރޯނަވައިރަހުން އަރައިގަތުމަށް ދުނިޔެގެ ސިއްޙަތު ޖަމްޢިއްޔާއާ ގުޅިގެން ޤައުމުތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ.