ޚަބަރު

ގްރޭޓާ މާލެ އޭރިއާގެ ކަރަންޓްގެ މައްސަލައަށް ދާއީމީ ހައްލެއް


ކަރަންޓުގެ މައްސަލައަކީ މާލޭގައި އަބަދުވެސް ބޮޑު މައްސަލައެކެވެ.

އިންޖީނުތަކަށް ލޯޑުބޮޑުވެ ނޫނީ ކޭބަލަކަށް ނޫނީ ޓްރާންސްފޯމަރަކަށް މައްސަލައެއް ދިމާވި ނަމަވެސް މާލޭގެ ބޮޑު ސަރަޙައްދަކުން ކަރަންޓު ހިނގައިދާނެއެވެ. ހޫނު މޫސުމުގައި ވަކިން ޚާއްސަކޮށް މިމައްސަލަ ބޮޑުވެގެން ދެއެވެ.

މުޅި މާލެއަށް ބަލާއިރު 40،000އަށްވުރެ ގިނަ ގޭބިސީ އެބަހުއްޓެވެ. ބިދޭސީންނާއި، ދިވެހިން ހިމެނޭހެން މާލޭގެ އާބަދީ ދެ ލައްކަ އާއި ގާތްކުރެއެވެ. މި ހުރިހާ ގޭބިސީތަކާއި، އަދި މާލޭގައި ކޮމާޝަލް މަސައްކަތްތައް ކުރާ ތަންތަނަށްވެސް ކަރަންޓު ފޯރުކޮށްދެނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕްނީ ލިމިޓެޑް ސްޓެލްކޯއިންނެވެ.

މުޅި މާލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް އެ ކުންފުނީގެ ކަރަންޓު ކެޕޭސިޓި ވަނީ 75 މެގަވޮޓްއަށް އިތުރުކޮށްފައެވެ. މި ކެޕޭސިޓީގެ 65މެގަވޯޓަކީ މިހާރު މާލޭގެ ޑިމާންޑެވެ.

ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމާއި، އަދި މާލޭގެ އިތުރުވަމުން އަންނަ އާބާދީއަށް ބަލައިރު، މާލެގެ ފުލް ކެޕޭސިޓީ(75މެގަވޮޓް)އިންވެސް ނުފުދޭނެ ދުވަހެއް އައުމަކީ މިހާރު ގާތްކަމެކެވެ. އެހެންވެ ގްރޭޓަރ މާލެ ރީޖަން އޮތީ ހަކަތައިގެ ދާއިމީ ޙައްލަކަށް ބޭނުންވެފައެވެ.

ސްޓެލްކޯއިން އަންނަނީ މި ސަރަޙައްދުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން މާލެ ސަރަޙައްދުގައި މިހާރު އާބާދީ އެންމެ އިތުރުވަމުން އަންނަ، ހުޅުމާލޭގައި ޤާއިމުކުރި "ފިފްތް ޕަވަރ ޕްރޮޖެކްޓް" މަސައްކަތަކީ އެކަމުގެ ފެށުމެކެވެ. ހުޅުމަލޭ ފުރަތަމަ ފިޔަވަހީގައި ހެދި 50 މެގަވޮޓްގެ އިންޖީނުގެއިން ހުޅުމާލެ ފޭސް 1ގެ އިތުރުން، ފޭސް 2އަށް ވެސް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. އަދި ހުޅުމާލެ ފޭސް 2ގައި ހަކަތައިގެ އިތުރު މަޝްރޫޢުއެއް ކުރިއަށްގެންދިއުމަށްވެސް ނިންމާފައިވެއެވެ.

ސްޓެލްކޯއިން މިހާރު މަސައްކަތް ކުރަނީ މިކަމަށް ދާއިމީ ޙައްލެއް ހޯދޭނެ ދިމާލަކަށް މިސްރާބު ޖެހުމަށެވެ. އެގޮތުން އެކުންފުނިން ވަނީ މާލެ ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތްވެސް ފަށާފައެވެ. މި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ނިމޭނެއެވެ.

އެގޮތުން ސްޓެލްކޯއިން މިހާރު ތައްޔާރުވަމުން ދަނީ އެ ކުންފުނިން ހިންގާ ކަރަންޓުގެ އެންމެ ބޮޑު ބިޔަ މަޝްރޫޢު ފެށުމަށެވެ. ކަރަންޓު އެއް ވިއުގައަކުން ގުޅާލުމުގެ ދެވަނަ ފޭސްގެ ދަށުން މާލެ އާއި، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ވަނީ ނިންމާފައެއެވެ. މި ޕްރޮޖެކްޓަށް ބޭނުންކުރާނީ ތިލަފުށީގައި މުޅިން އަލަށް ހެދުމަށް ނިންމާފައިވާ 200 މެގަވޮޓްގެ އިންޖީނުގެއެވެ.

މި ޕްރޮޖެކްޓާއިއެކު ހުޅުމާލޭގައި މިހާރު ޤާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގެ އާއި، އަދި ހުޅުމާލޭގައި އަލަށް ހެދުމަށް ނިންމާފައިވާ 50މެގަވޮޓްގެ އިންޖީނުގެ އަދި އަލަށް ތިލަފުށީގައި ހެދުމަށް ނިންމާފައިވާ 200 މެގަވޮޓްގެ އިންޖީނުގެ ގުޅާލާނެއެވެ.

އެކުންފުނިން ބުނެފައިވަނީ މި ޕްރޮޖެކްޓަތަކުގެ މަސައްކަތް ނިމުމުން މާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެ ބޭނުންކުރާނީ ބެކަޕް އިންޖީނުގެއެއްގެ ގޮތުގައި ކަމަށެވެ. އަދި މި އިންޖީނުގެ ބޭނުންކުރާނީ ތިލަފުށި ނުވަތަ ހުޅުމާލޭގެ އިންޖީނުގެއަށް މައްސަލައެއް ދިމާވެއްޖެ ޙާލަތެއްގައެވެ.

އެހެން ކަމުން އަލަށް ފެށުމަށް ތައްޔާރުވަމުންދާ މި ޕްރޮޖެކްޓް ވެގެންދާނީ ރާއްޖޭގައި ހިންގާ ހަކަތައިގެ އެންމެ ބިޔަ މަޝްރޫޢުއަށެވެ.