އަތޮޅުތައް

ހޮސްޕިޓަލުގެ އަޅާލުމެއްނެތި މީހަކު ވިހެއި ވާހަކަ ދޮގުކޮށްފި


ފުވައްމުލަކު
ހޮސްޕިޓަލްގައި މާބަނޑު އަންހެނަކު، ހޮސްޕިޓަލުގެ އަޅާލުމެއްނެތި ވިހޭކަމަށް
މީޑިއާގައި ފެތުރެމުންދާ ޚަބަރުތަކަކީ ހަޤީޤަތާއި ޚިލާފު ޚަބަރުތަކެއްކަމަށް
ހެލްތު މިނިސްޓްރީން ބުނެފިއެވެ.



އެ މިނިސްޓްރީން
ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 35 އަހަރުގެ މާބަނޑު އަންހެނަކު
ހަތަރުވަނަ ދަރިފުޅަށް ބަލިވެ އިނދެ ބަނޑަށް 32 ހަފްތާގައި ހޮސްޕިޓަލްގައި
އެޑްމިޓްކުރެވުނީ ބަނޑުން ލޭއައިސް ކުޑަކޮށް ބަނޑުގައި ރިއްސާތީކަމަށާއި އެހާހިސާބުން
އަންހެނުންގެ ޚާއްސަ ޑޮކްޓަރުގެ ލަފާގެމަތިން ފަރުވާދެމުން ގޮސްފައިވާކަމަށެވެ. އަދި
އޭގެ ދެދުވަސްފަހުން ކުއްލިގޮތަކަށް ބަނޑުގައި ރިއްސަން ފެށިވަގުތު އަންހެނުންގެ
ޚާއްސަ ޑޮކްޓަރަކަށް ގުޅައިގެން ފަރުވާ ފެށިކަމަށާއި އެހެންނަމަވެސް
ރިއްސުން ރަނގަޅުނުވެ ތަދު ބޮޑުވަމުން ދިއުމުގެ ސަބަބުން، މާބަނޑުމީހާ ވޯޑުގައި ހުރި އެނދާއެކު
ލޭބަރ ރޫމަށް ވައްދާފައިވާކަމަށް އެމިނިސްޓްރީން ބުނެއެވެ.



ހެލްތު މިނިސްޓްރީން ބުނީ ލޭބަރ ރޫމަށް ވެއްދިތާ
މާގިނައިރުތަކެއް ނުވަނީސް ވިހާފައިވާކަމަށާއި ދުވަސްނުފުރާ ވިހޭ ކުއްޖަކަށްވުމުގެ
އިތުރުން ދަރިފުޅުގެ ބަރުދަން ލުއިވުމުގެ ސަބަބުން ކުޑަކުދިންގެ ޚާއްސަ
ޑޮކްޓަރުންގެ ލަފާގެމަތިން އައިޖީއެމްއެޗްއަށް އިތުރު ފަރުވާ ދިނުމަށް
ގެނެސްފައިވާކަމަށެވެ.