ޚަބަރު

އިސްލާމްދީނުގެ ނަމުގައި އަނިޔާވެރިވާ މީހުންނާއި މެދު ފިޔަވަޅުއަޅާނަން: ޕީޖީ


އިސްލާމްދީނުގެ ނަމުގައި، އަނިޔާވެރިވެ، މީހުންނަށް ޙަމާލާދޭ ފަރާތްތަކާމެދު ޖިިނާއީ ޢަދުލުގެ ނިޒާމުގެ ދަށުން ފިޔަވަޅުއަޅައި، އަމަން އަމާންކަން ޤާއިމުކޮށްދެއްވާނެ ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް މިހެން ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ބިދޭސީއަކަށް ހަމަލާދީ ޒަޚަމްކޮށްލި މައްސަލައާއިގުޅިގެން ތިން މީހަކު ހައްޔަރުކޮށް އަދި އެހަމަލާގެ ޒިންމާ އުފުލާކަމަށް ބުނެ މީހަކު ސޯޝަލް މީޑިއާގައި އާއްމު ކުރި ވީޑިއޯގެ މައްސަލަވެސް ފުލުހުން ތަޙްޤީޤު ކުރަން ފަށާފައިވަނިކޮށެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެމީހަކު ވަނީ ތޫނު އެއްޗަކުން ހަމަލާދީ، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އައި ޗައިނާގެ ފަތުރުވެރިއަކާއި، ރާއްޖޭގައި މަސައްކަތްކުރާ ޗައިނާގެ މީހަކާއި އޮސްޓްރޭލިއާ މީހަކު ޒަޚަމްކޮށްލާފައެވެ.

އެމީހުންނަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާ އިރު ހާލު ސީރިއަސް ނޫން ކަމަށާއި އެމީހުންގެ ހާލުވެސް ގާތުން ބަލަމުންދާކަމުގައި ފުލުހުން ވިދާޅުވެފައި ވެެއެވެ.

މިމައްސަލައިގައި މިހާތަނަށް 3 މީހުން ހައްޔަރުކޮށްފައި ވާއިރު އެމީހުންނާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ވިދާޅުވީ ފަތުރުވެރިންނަށް އަމާޒުކޮށް އެހަމަލާތައް ދީފައިވަނީ ހަރުކަށި ދީނީ ފިކުރުގެ ބައެއް ކަމަށް ބެލެވޭ ކަމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ކުރައްވާފައިވާ ޓްވީޓް --

މިމައްސަލައާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވެސް ވިދާޅުވެފައި ވަނީ ވިދާޅުވީ، ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖެގައި ދިރިއުޅޭ ބިދޭސީންނާއި އަދި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މުދަލާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅަމުން ގެންދަވާނެ ކަމަށެވެ.