ޚަބަރު

ކޮރޯނާވައިރަސް - ފަރުކޮޅުފުށީގައި ކަރަންޓީންކޮށްފައި ތިބީ 2 މީހުން


ކޮރޯނާ ވައިރަހާއި ގުޅިގެން މިވަގުތު ފަރުކޮޅު ފުށީގައި އެކަހެރިކޮށްފައި ވަނީ 2 ދިވެހިން ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ރައިސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަޙީދު ވިދާޅުވީ މިވަގުތު ފަރުކޮޅު ފުށީގައި ތިބި 2 މީހުންނަކީ ކޮރޯނާއަށް ޝައްކުކުރެވޭތީ އެކަހެރިކޮށްފައި ތިބި މީހުން ނޫންކަމަށެވެ.

އެދެމީހުން އެކަހެރިކުރުމަށް ނިންމާފައި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ ޓްރެވެލް އެޑްވައިޒަރީގައިވާ ވާ މިންގަނޑުތަކަށް ޢަމަލުކުރުމުގެ ގޮތުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ޗައިނާގެ މެއިންލޭންޑަށް ދަތުރުކޮށްފައިވާކަމުގެ ރިކޯޑެއް ނުވަތަ ޗައިނާގައި ޓްރާންސިޓްކޮށްފައި އަންނަ މީހުންނަށްވެސް ރާއްޖެ ނުވަދެވޭނެ ގޮތަށް ވަނީ ކަނޑައާޅާފައެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ އެ މީހުންގެ ކިބައިން ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ ފަދަ އެއްވެސް ޢަލާމާތެއް ނުފެންނަކަމަށެވެ.

ޗައިނާއިން ރާއްޖެއަށް އައި މީހެއްގެ ކިބައިން ބައެއް ޢަލާމާތްތައް ފެނުމާއި ގުޅިގެން ކޮރޯނާ ވައިރަސް ނެތްކަން ޔަގީންކުރުމަށް އޭނާގެ ސާމްޕަލްތައް އިންޑިއާއަށް ފޮނުވައިގެންވަނީ ޓެސްތު ހަދާފައެވެ. އޭނާގެ ސާމްޕަލާއި އެކު އިތުރު 6 މީހެއްގެ ސާމްޕަލް ޓެސްޓުކުރުމަށްވެސް ހެލްތު މިނިސްޓްރީން ވަނީ ފޮނުވާފައެވެ. މިއެންމެންގެ ޓެސްޓުތައް ނެގަޓިވް ވިއިރު ރާއްޖޭގައި ކޮރޯނާއަށް ޝައްކުކުރެވޭ އެއްވެސް މީހަކު މިވަގުތު ނެތްކަމަށްވެސް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.