ޚަބަރު

އައު ސީޕްލޭން ޓާރމިނަލްއިން ޓިއެމްއޭއަށް ޖާގަ ދިންގޮތް މާލިއްޔަތު ކޮމިޓީން ބަލާނަން - ޔަޢުޤޫބް


އެއަރޕޯޓްގެ އައު ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް އެކުންފުނިން މިހާރުވެސް ބޭނުންކުރަމުންދާ ވަރުގެ ބޮޑު ޖާގައެއް ދިނުމަށް ސަރުކާރުން ނިންމި ނިންމުން މާލިއްޔަތު ކޮމިޓީއަށް ހުށައަޅައިގެން ބަލާނެކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އައު ސީޕްލޭން ޓަރމިނަލް ހިންގުން ޓީއެމްއޭއަށް ދޭން އުޅޭކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދާ ޔަޢުޤޫބު މިހެން ވިދާޅުވެފައިމިވަނީ އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ދޭނީ މިހާރު ވެސް އެ އެކުންފުނިން އެއަރޕޯޓުގައި ހިންގާ ސީޕްލޭން ޓާމިނަލާ އެއްވަރުގެ ޖާގައެއްކަމަށް ފިނޭންސް މިނިސްޓްރީން އިއްޔެ ހަމަކުރުމާއި ގުޅިގެންނެވެ. ޔަޢުޤޫބް ވިދާޅުވީ ޓީއެމްއޭއަށް ޖާގަ ދިނުމުގައި ކަންހިނގާދިޔަގޮތް މި ފެށޭ ހަފްތާގައި މާލިއްޔަތު ކޮމިޓީއަށް ހުށައަޅާއިގެން ބަލަމުންދާނެކަމަށެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު އުސޫލުގައި އައު ސީޕްލޭން ޓާމިނަލް އިން، ޓީއެމްއޭއަށް ކުރިޔަށް އޮތް ދެ އަހަރަށް މިހާރުވެސް އެކުންފުނިން އެއަރޕޯޓުގައި ހިންގާ ސީޕްލޭން ޓާމިނަލާ އެއްވަރުގެ ޖާގައެއް ދޭން ނިންމާފައިވާކަމަށް ވަނީ މިހާރުގެ ޓީއެމްއޭގެ ސީޕްލޭން ޓާމިނަލް ދޫކޮށްފައިވާ އަގަށްކަމަށެވެ.
ޓީއެމްއޭއިން މިހާރު އެއަރޕޯޓުގައި ހިންގާ ސީޕްލޭން ޓާމިނަލަކީ ގާތްގަނޑަކަށް 5300 އަކަފޫޓުގެ ޖާގައިގެ ތަނެކެވެ. އަލަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ ސީޕްލޭން ޓާމިނަލަކީ 16،000 އަކަފޫޓު ގެ ބޮޑު ބިމެކެވެ. ސަރުކާރުން ޓީއެމްއޭއަށް އައު ޓާމިނަލުން ޖާގަ ދިނުމަށް ނިންމާފައިވަނީ އަކަ މީޓަރެއް 10.35 ޑޮލަރަށެވެ.

މި މައްސަލައާއި ގުޅިގެން ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވީ ދައުލަތަށް ފައިދާއެއްލިބެން އޮތް އެއްވެސް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭގޮތަށް ނުވަތަ އެ ފައިދާއަށް އެއްވެސް އުނިކަމެއް ލިބޭގޮތަށް އަމަލުކުރުމަކީ ގާނޫނީ ކުށެއްކަމަށާއި، އެއީ ކޮރަޕްޝަންގެ ޢަމަލެއްކަމަށެވެ.

ބަންޑާރ ނާއިބުގެ އޮފީހުގެ ލަފާގެ މަތިން ސަރުކާރުން އައު ސީޕްލޭން ޓާމިނަލްގެ ކަންކަން ހިންގުމަށް ނިންމާފައިވާ މަންޓާ އެއާރއަށްވެސް އެ ފަރާތުން މިހާރު ބޭނުންކުރަމުންދާ ވަރުގެ ޖާގައެއް، މިހާރުވެސް ކުއްޔަށް ދީފައިވާ އަގުގައި ދެ އަހަރަށް ކުއްޔަށް ދިނުމަށް ވަނީ ނިންމާފައެވެ. އަދި މޯލްޑިވިއަންއަށްވެސް އޮޕަރޭޝަން ހިންގަން އެކަށީގެންވާ ވަރުގެ ޖާގައެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ. އަދި ބާކީވާ ޖާގަތައް އެމްއޭސީއެލްއިން ޓެންޑަރަށް ހުޅުވާލާނެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ދެ އަހަރުގެ މުއްދަތަކަށްފަހު ސީ ޕްލޭން ޓާމިނަލްގެ ފުލް އޮޕަރޭޝަން އެމްއޭސީއެލްއިން ނަގާނެއެވެ. އަދި އެއަށްފަހު އެތަނުން ނަގަމުންދާ ކުލިތަކަށްވެސް ބަދަލު ގެންނާނެކަމަށް ފިނޭންސްއިން ވިދާޅުވެއެވެ.

ފިނޭންސް މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން ސަރުކާރުން މި ނިންމުން ނިންމީ އޮޑިޓަރ ޖެނެރަލްގެ ލަފާގެ މަތިންނެވެ. އަދި މި ނިންމުން މޯލްޑިވްސް އެއަރޕޯޓްސް ކުންފުނީގެ ބޯޑަށް އަންގާފައިވާނޭކަމަށްވެސް ފިނޭންސްއިން ބުނެއެވެ.