ކުޅިވަރު

ޑާކާގައި ދެ ގޯލު ޖެހުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް: ސެކުލޮސްކީ


ބަނގްލަދޭޝްގެ ވެރިރަށް ޑާކާގައި އެ ޤައުމުގެ އަބަހާނީ ކޮޅަށް ދެ ގޯލު ޖެހުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް މާޒިޔާއިން ބުނެފި އެވެ.

ކޯޗު މަރުޖާން ސެކުލޮސްކީ ބުނީ މިއީ އޭއެފްސީ ކަޕުގެ ފްރިލިމިނަރީ ބުރުން ޕްލޭއޯފް އަށް ދިއުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެއް ކަމަށެވެ.

ދެ ފަހަރު މާޒިޔާއިން ލީޑް ނެގި ނަމަވެސް މިމެޗު ނިމިގެންދިޔައީ 2-2އިން އެއްވަރުވެގެންނެވެ. މިހެންވެ މި ދެ ޓީމު މާލޭގައި މި މަހުގެ 12 ވަނަ ދުވަހު ކުޅޭ މެޗުގައި ދެ ލަނޑަށްވުރެ ކުޑަ ތަފާތަކުން މެޗު އެއްވަރުވި ނަމަވެސް އަބަހާނީ ކަޓާނެ އެވެ.

"ރަށުން ބޭރުގައި ދެ ގޯލު ޖެހުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަހަރުމެންގެ އަމާޒަކީ ދެ ވަނަ ބުރު ކުޅުން. އަބަހާނީ ކުޅުމަކީ އެމީހުން ފެޑަރޭޝަން ކަޕުގައި ވެސް ކުޅުނު ގޭމް،" ސެކުލޮސްކީ ބުންޏެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގެ އާސިއާން ޒޯނުގެ ސެމީ ފައިނަލް ކުޅުނު އަބަހާނީގެ ކޯޗު މާރިއޯ ލެމޯސް ބުނީ މެޗުގައި އެންމެ އުނދަގޫވީ އޭނާގެ ޓީމު މަހަކަށްވުރެ ގިނަ ދުވަސްވަންދެން މެޗު ނުކުޅެ ތިބުން ކަމަށެވެ.

"ޓީމުގެ ސްޕީޑެއްނެތް. އިންޓެންސިޓީއެއްނެތް. އެމީހުން ޖެހީ ވެސް ވަރަށް ފަސޭހަ ދެ ގޯލު. އިންޓަނޭޝަނަލް މެޗެއްގައި ކުޅެންވާ ގޮތަކަށްނޫން އަހަރުމެން ޓީމު ކުޅުނީ. އަވޭ މެޗަކުން މޮޅުވުމަކީ ވަރަށް އުނދަގޫ ކަމެއް. އެކަމަކު އަހަރުމެންގެ އެޓިޓިއުޑް ރަނގަޅުކޮށްފިނަމަ މާލޭގައި މޮޅުވެވިދާނެ،" ކޯޗު ބުންޏެވެ.

މި ފަހަރުގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ލެގުގައި އަބަހާނީއާ ދެކޮޅަށް މާލޭގައި ކުޅޭ މެޗު އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހު އެވެ.