ވިޔަފާރި

ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް 46000 ރުފިޔާ


ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް ސަރވިސް ޗާޖުގެ ގޮތުގައި 46 ހާހަށްވުރެ ގިނަ ރުފިޔާ ދީފިއެވެ.

ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓަކީ އެންމެ ގިނައިން ސަރވިސް ޗާޖުދޭ ރިސޯޓުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ އަބަދުވެސް އުޅޭ ރިސޯޓެކެވެ.

ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުންނަށް ސަރވިސް ޗާޖް ދޭ މިންވަރާއި އާންމުކޮށް ރިސޯޓުތަކުގެ އެކި ޚިދުމަތްތަކުން ސަރވިސް ޗާޖް ނަގާ މިންވަރުގެ މަޢުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ "މޯލްޑިވްސް ސަރވިސް ޗާޖް ވެބްސައިޓު" ގައި އާންމުކޮށްފައިވާ ގޮތުން މިދިޔަ ޖެނުއަރީ މަހު ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން ވަނީ މުސާރައިގެ އިތުރުން ކޮންމެ މުވައްޒަފަކަށް 3006 ޑޮލަރު ނުވަތަ 46،356 (ސާޅީސް ހަހާސް ތިން ސަތޭކަ ފަންސާސް ހަ) ރުފިޔާ ސަރވިސް ޗާޖުގެ ގޮތުގައި ދީފައެވެ.

މިދިޔަ ޑިސެމްބަރުމަހު މި ރިސޯޓުން ސަރވިސް ޗާޖުގެ ގޮތުގައި ދީފައިވަނީ 14000 ރުފިޔާއެވެ. އެހެންނަމަވެސް އޭގެ ކުރީ ނޮވެމްބަރުމަހު މި ރިސޯޓުން ވަނީ 20،000 ރުފިޔާ ސަރވިސް ޗާޖުގެ ގޮތުގައި ދީފައެވެ.

ޖެނުއަރީ މަހުގެ 46،000 ރުފިޔާ ސަރވިސް ޗާޖުގެ ގޮތުގައި ދީފައިވާއިރު މިއީ މިހާތަނަށް ރިސޯޓަކުން ސަރވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް މިހާ ބޮޑު އަދަދެއް ދިން ފުރަތަމަ ފަހަރެވެ. މި ރިސޯޓަށް މިދިޔަ މަހު ސަރވިސް ޗާޖުގެ ގޮތުގައި 1 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

އެންމެ މަތީ ފެންވަރުގެ ފަތުރުވެރިންނަށް ޚާއްސަކޮށްގެން ހިންގާ މި ރިސޯޓަކި ދުނިޔޭގެ މަޝްހޫރު ތަރިންނާއި ޝާހީ އާއިލާގެ މީހުން ޗުއްޓީ ހޭދަކޮށްލުމަށް ދާ ރިސޯޓެކެވެ. މިދިޔަ އަހަރު މި ރިސޯޓަށް ދުބާޢީގެ ވަލީ އަހުދު ޝެއިޚް ހަމްދާން ބިން މުޙައްމަދު ބިން ރާޝިދް އަލް މަޚްތޫމް ވެސް ވަނީ ޒިޔާރާތްކޮށްފައެވެ.

ވެލާ ރިސޯޓަށްފަހު ޖެނުއަރީމަހު އެންމެ ގިނައިން ސަރވިސް ޗާޖު ދީފައިވަނީ ޝެވަލް ބްލާންކް ރަންދެލި ރިސޯޓުންނެވެ. އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް މި ވަނީ 2533 ޑޮލަރު ނުވަތަ 39،000 ރުފިޔާ ދީފައެވެ.

ޖެނުއަރީމަހު ތިންވަނަ އަށް އެންމެ ގިނައިން ސަރވިސް ޗާޖު ދީފައިވަނީ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުންނެވެ. މި ރިސޯޓުން ވަނީ 2400 ޑޮލަރު ނުވަތަ 38،000 ރުފިޔާ ސަރވިސް ޗާޖުގެ ގޮތުގައި ދީފައެވެ.

މިދިޔަ ޖެނުއަރީ މަހު ހުރިހާ ރިސޯޓަކުން ވެސް އެވްރެޖްކޮށް މުވައްޒަފުންނަށް ސަރވިސް ޗާޖު ދީފައިވާ މިންވަރު ރަނގަޅެވެ. އެގޮތުން ގިނަ ރިސޯޓުތަކުން ވަނީ 10 ހާހާއި 20 ހާހާއި ދެމެދުގައި ސަރވިސް ޗާޖު ދީފައެވެ.

އެންމެ މަދުން ސަރވިސް ޗާޖު ދީފައިވަނީ ހޮނޑާފުށި އައިލެންޑް ރިސޯޓުންނެވެ. މި ރިސޯޓުން ސަރވިސް ޗާޖު ގެ ގޮތުގައި މުވައްޒަފުންނަށް ދީފައިވަނީ 863 ރުފިޔާއެވެ.

ޖެނުއަރީ މަހު ރިސޯޓްތަކަށް ގިނައިން ސަރވިސް ޗާޖު ލިބިފައިވަނީ ފަތުރުވެރިކަމުގެ ހައި ސީޒަންއާއި ދިމާވުމުންނެވެ. ނޮވެމްބަރު ޑިސެމްބަރު އަދި ޖެނުއަރީ މަހަކީ އާންމުކޮށްވެސް ރިސޯޓްތަކަށް ގިނައިން ސަރވިސް ޗާޖު ލިބޭ ދުވަސްވަރެކެވެ.