ޚަބަރު

ކައުންސިލް އިންތިޚާބުގައި މާލޭގައި އެކަނިވެސް 173 ވޯޓުފޮށި، ޖުމްލަ 545 ވޯޓުފޮށި ބަހައްޓާނެ


އަންނަ އޭޕްރީލް މަހުގެ 4ވަނަ ދުވަހު ބާއްވާ ލޯކަލް ކައުްނސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ މިމަގުގެ 20ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

1912 ކެނޑިޑޭޓުން އިންތިޚާބުކުރަންޖެހޭ މި އިންތިޚާބަށް 6000 އަށްވުރެ ގިނަ ކެނޑިޑޭޓުން ކުރިމަތިލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ލަފާކޮށްފައިވާއިރު، މިއިންތިޚާބުގައި 982 ކައުންސިލަރުން އެކި ކައުްނސިލްތަކަށް އިންތިޚާބުކުރާނެއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 930 މެންބަރުން އިންތިޚާބުކުރުމަށް ވޯޓުލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއްވިއެވެ.

މިފަހަރުގެ އިންތިޚާބުގައި ކައުންސިލްތަކަށް މެންބަރުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވާގޮތް:

ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ ޢަދަދަކީ 372
ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ ކައުންސިލަރުންގެ ޢަދަދަކީ 372 (އަންހެނުންނާއި ފިރިހެނުން ހިމެނޭހެން)
ރަށު ކައުންސިލްތަކުން ރައީސުންގެ ޢަދަދަކީ 179
ރަށު ކައުންސިލްތަކުގެ ޖުމްލަ ޢަދަދަކީ 923
ސިޓީ ކައުންސިލަރުންގެ ޢަދަދަކީ 28 (އަންހެނުންނާއި ފިރިހެނުން ހިމެނޭހެން)
ސިޓީތަކުން އިންތިޚާބުކުރާ އަންހެން ކައުންސިލަރުންގެ ޢަދަދަކީ 14
ސިޓީ ކައުންސިލްގެ މޭޔަރުންގެ ޢަދަދަކީ 4
ސިޓީތަކުގައި ޖުމްލަ ތިބޭނެ ޢަދަދަކީ 46

އިންތިކާބަށް ކުރިމަތިލާން ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ބޭއްވި ރަސްމިއްޔާތުގައި އެކޮމިޝަނުގެ ނާއިބު ރައީސް އަޙްމަދު އަކްރަމް ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި 545 ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައިވާކަމަށެވެ.

އެއީ މާލޭގައި 173 ވޯޓުފޮށި، ރަށްރަށުގައި 322 ވޯޓުފޮށި، ރިސޯޓްތަކާއި ސިނާޢީ ރަށްރަށުގައި 41 ވޯޓުފޮށި، އަދި ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައި 8 ވޯޓުފޮށްޓެވެ.

ވޯޓުފޮށީގެ ފައިނަލް ޢަދަދު ހަމަޖެހިގެންދާނީ މިމަހުގެ 13ގައި ރީ-ރަޖިސްޓްރޭޝަންކުރުމަށް ހުޅުވާލާ މަރުޙަލާ ނިމުމުންކަމަށް ކޮމިޝަނުގެ ނާއިބު ރައީސް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ ވޯޓުފޮށީގެ ޢަދަދަށް މިއައިބަދަލާއެކު ޚާއްސަކޮށް މާލޭގައި ކުރިން ވޯޓުލީ ތަންތަނަށް ބަދަލު އަންނާނެކަމަށެވެ. މިއާއެކު މިފަހަރު މާލޭގެ ހުސް ބިންތަކުގައިވެސް ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އަންނަ އޭޕްރީލް މަހުގެ 4ވަނަ ދުވަހު ބާއްވާ ލޯކަލް ކައުްނސިލް އިންތިޚާބުގައި 269562 މީހަކަށް ވޯޓުދިނުމުގެ ޙައްޤުލިބިގެންވެއެވެ. އަދި މިލިސްޓަށް ޝަކުވާހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި ހުށައެޅި 373 ޝަކުވާ އިސްލާޙްކުރުމަށްފަހު އަނެއްކާވެސް ލިސްޓް ޢިއުލާންކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.