ޚަބަރު

އިންތިޚާބު ކުރަންޖެހޭ ޢަދަދަށް، ތިމާ ބޭނުންވާ ކެނޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާ!


އަންނަ އޭޕްރީލް މަހުގެ 4ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އިންތިޚާބުތަކާ ތަފާތު އިންތިޚާބެކެވެ.

އެދުވަހު ތަފާތު ދެ އިންތިޚާބެއް ބާއްވާއިރު ވޯޓުލާން ޖެހޭނީވެސް ތަފާތުގޮތަކަށެވެ. އެގޮތުން އެއްފަހަރާ ދެ ވޯޓުކަރުދާސް، އަތައްލިބޭއިރު، ކައުންސިލް އިންތިޚާބުގެ ކަރުދާސްކޮޅުގައި ފާހަގަޖެހުމުގައި ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން މިވޯޓު ކުރިއަށްދާގޮތް ކޮންމެ ބޭފުޅަކުވެސް ދެނެގަތުމަކީ ތިމާގެ ވޯޓު ބާޠިލު ނުވެ ވޯޓުލުމުގެ ޙައްޤު ފުރިހަމަކުރުމަށް ކުރެވޭނެ މުހިންމުކަމެވެ.

ވޯޓު ލުމުގައި އެންމެ ސާމާލުކަންދޭންޖެހޭ އެއްކަމަކީ އެމީހަކަށް ފެންނަ ކެނޑިޑޭޓެއްގެ ނަމާއި ދިމާގައި އިންތިޚާބުކުރަންޖެހޭ ޢަދަދަށް ރަނގަޅު ފާހަގަ ޖެހުމެވެ. މިނޫން ފާހަގައެއް ނުވަތަ އެއްޗެއް ލިޔެ ނުވަތަ އެއްޗެއް ކުރަހާފައިވާނަމަ އެކަރުދާހުގައިވާ ހުރިހާ ވޯޓެއް ބާޠިލުވާނެއެވެ. ނުވަތަ މުޅި ކާރުދާސްކޮޅު ބާޠިލުވީއެވެ.

މީގެއިތުރުން އެ ކައުންސިލަކަށް ނުވަތަ ކޮމިޓީއަކަށް އެ އިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އަވަށަކުން އިންތިޚާބުކުރަންޖެހޭ އަދަދަށް ވުރެ ގިނަ ކެނޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހައިފައިވާނަމަ، އެ ވޯޓް ކަރުދާސްކޮޅެއްވެސް އެއްކޮށް ބާޠިލުވާނައެވެ.

މި ފަހަރުގެ އިންތިޚާބުގައި ސައްޙަ ވޯޓެއްކަމަށް ބެލެވޭ ކަންކަމުގެ ތެރޭގައި އެ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އެ އަވަށަކުން އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ މަދު ކެނޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައިވުން ހިމެނެއެވެ.

އެގޮތުން 5 ކައުންސިލަރުން އިންތިޚާބުކުރަންޖެހޭ ތަނެއްގައި ތާޢީދުކުރާ ދެ ކެނޑިޑޭޓުން ހުރިނަމަ އެދެކެނޑިޑޭޓުންގެ ނަމާ ދިމާލުގައިވާ ގޮޅީގައި ރަނގަޅު ފާހަގަ ޖެހިނަމަވެސް އެވޯޓް ކަރުދާސް ގުނާނީ ސައްޙަ ވޯޓު ކަރުދާހެއްގެ ގޮތުގައެވެ. މިފަދަ ކަރުދާސް ކޮޅުގައި މަދުވާ ޢަދަދު ގުނާނީ ނުދޭ ވޯޓެއްގެ ގޮތުގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ވޯޓް ލާންޖެހޭ ގޮތަށް ބަލާލާއިރު މާލެ ސިޓީ، ފުވައްމުލަކު ސިޓީ، އަދި އައްޑޫ ސިޓީ ކައުންސިލްގެ ވޯޓު ކަރުދާހުގައި ހިމެނޭނީ ސިޓީ ކައުންސިލްގެ މޭޔަރުގެ ވޯޓާއި ސިޓީ ކައުންސިލްގެ މެންބަރުގެ ވޯޓެއެވެ. އަދި ކުޅުދުއްފުށި ސިޓީގެ ވޯޓު ކަރުދާހުގައި ހިމެނޭނީ ސިޓީ ކައުންސިލްގެ މޭޔަރުގެ ވޯޓާއި، އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓާއި ސިޓީ ކައުންސިލްގެ މެންބަރުގެ ވޯޓެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްގެ ވޯޓު ކަރުދާސް މުޅިން ތަފާތުވާނެއެވެ. އެ ގޮތުން މި ކަރުދާހުގައި އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓާއި، ރަށު ކައުންސިލްގެ ރައީސްގެ ވޯޓާއި، ރަށު ކައުންސިލްގެ އަންހެން މެންބަރުންގެ ވޯޓާއި ކައުންސިލްގެ ޢާއްމު މެންބަރުގެ ވޯޓު ހިމެނޭނެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސަކަތްކުރާ ކޮމިޓީގެ ވޯޓު ކަރުދާހުގައި ހިމެނޭނީ ހަމަ އެކަނި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުން އެކަންޏެވެ.

ކުރިއަށްއޮތް އިންތިޚާބަކީ މިހާތަނަށް ބާއްވާފައިވާ އިންތިޚާބުތަކާއި އަޅާ ބަލާއިރު ގިނަ ތަފާތުތަކެއް ފެނިގެންދާ އިންތިޚާބެއްކަމުން މި ފަހަރުގެ އިންތިޚާބަކީ ވާދަވެރި އިންތިޚާބަކަށް ވެގެންދާނެއެވެ. އެހެންކަމުން އިންތިޚާބަށް ވޯޓުލާން ދިއުމުގެ ކުރިން ވޯޓުލާންޖެހޭ ގޮތާއި، ބާތިލުނުވާނެ ގޮތަކަށް ވޯޓުލުމަކީ މުހިއްމުކަމެކެވެ.

ވޯޓުލުމުގެ ކަންކަން ކުރިއަށްދާގޮތަށް އާންމުން ހޭލުންތެރިކުރުމައްޓަކައި މިކަމަށް މީހުން ހޭލުންތެރިކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ވޯޓަށް ހޭލުންތެރިކުރުމަށް ޚާއްސަ އަތްމަތީ ފޮތެއް ތައްޔާރުކޮށް ބެހުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުންދަނީ ކުރަމުންނެވެ.

ލޯކަލް ކައުންސިލްގެ އިންތިޚާބަށް މީހުން ހޭލުންތެރިކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިފްތިތާޙްކުރި ޚާއްސަ ޔޫޓިއުބް ޗެނަލް.

އަދި އިންތިޚާބަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ކަންކަން ވީހާވެސް ފުޅާކޮށް ކުރުމަށް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކުރަން އެކޮމިޝަނުން ނިންމާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުންވަނީ ޚާއްސަ ޔޫޓިއުބް ޗެނަލެއްވެސް އިފްތިތާޙުކުރައްވާފައެވެ.