ޚަބަރު

ދިވެހި ރައްޔިތުންގެ ފަރާތުން ޗައިނާއަށް އެއް މިލިޔަން މަސްދަޅު ހަދިޔާކުރުމަށް ސަރުކާރުން ނިންމަވައިފި


ކޮރޯނާ ވައިރަހާއި ގުޅިގެން ދިވެހި ރައްޔިތުންގެ ފަރާތުން އެއް މިލިޔަން މަސްދަޅު ޗައިނާއަށް ހަދިޔާކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.

މިކަން ހާމަކުރެއްވީ މިރޭ ޚާރިޖީ ވުޒާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޚާރިޖީ ޢަބްދުﷲ ޝާހިދުއެވެ. މަސްދަޅު ހަދިޔާ ކުރެއްވުމަށް ނިންމެވިކަން ހާމަކުރައްވަމުން ޚާރިޖީ ވަޒީރުވަނީ ޗައިނާއަށް ރާއްޖެއިން ހަދިޔާކުރާ މަސްދަޅުތަކުގެ ރަމްޒެއްގެ ގޮތުން މަސްދަޅު ކޭހެއް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުނަނަވާ ސަފީރަށް އަރުއްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާ ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަކީ ދިވެހި ރާއްޖެއާއި ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ގިނަ އެހީތަކެއް ވެދެއްވާފައިވާ ޤައުމެއްކަމަށެވެ. އެހެން ކަމުން އެޤަައުމުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މި ދަތި ދަނޑިވަޅުގައި ރާއްޖެއިން ވެދެއްވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ ނުހަނު މުހިއްމުކަމެއްގެ ގޮތުގައި ސަރުކާރުން ޤަބޫލުކުރައްވާކަމަށެވެ.

އަދި ކޮރޯނާ ވައިރަސްއިން ސަލާމަތްވުމަށް އެޤައުމުން ކުރާ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް ވެދެވެންއޮތް އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.