ކުޅިވަރު

މާޒިޔާ އަކީ އެންމެ މޮޅު ޓީމެއްނޫން، ރާއްޖޭގެ ޓީމުތަކާ ކުޅޭއިރު ޕްރެޝަރުއޮވޭ: އަބަހާނީ


މާޒިޔާއަކީ މިހާތަނަށް އަބަހާނީ ކުޅޭ އެންމެ މޮޅު ޓީމު ނޫން ކަމަށާއި ނަމަވެސް ދިވެހި ޓީމުތަކާ ކުޅޭއިރު އަބަހާނީ އަށް ޕްރެޝަރު އޮންނަ ކަމަށް އެ ޓީމުގެ ކޯޗު މާރިއޯ ލެމޯސް ބުނެފި އެވެ.

އޭއެފްސީ ކަޕުގެ ޕްރިލިމިނަރީގައި މާދަމާ އަމިއްލަ ދަނޑުގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާއާ ދެކޮޅަށް ނުކުންނައިރު މީގެ ކުރިން ތިން ފަހަރެއްގެ މަތިން އަބަހާނީ ވަނީ ދިވެހި ޓީމުތައް އަތުން ބަލިވެފަ އެވެ. އެއީ ނިއުރޭޑިއަންޓް އަތުން ދެ ފަހަރު އަދި މާޒިޔާ އަތުން އެއްފަހަރު އެވެ.

"އަހަންނަށް ހިޔެއްނުވޭ ކުޅުންތެރިންނަށް ޕްރެޝަރު އޮންނާނެހެން. މިއީ އެންމެ މެޗެއްނަމަ އޮންނަ ޕްރެޝަރު ބޮޑުވާނެ. އެކަމަކު އަބަދުވެސް ރާއްޖޭގެ ޓީމުތަކާ ކުޅޭއިރު އަހަރުމެންނަށް ޕްރެޝަރު އޮވޭ. އަހަރުމެން އަމިއްލަ ދަނޑުގައި ކުޅޭއިރު އިތުބާރު އޮވޭ. މިދިޔަ އަހަރު އަހަރުމެން އަމިއްލަ ދަނޑުގައި ބަލިނުވޭ. އަހަރުމެންގެ އަމާޒަކީ އަމިއްލަ ދަނޑުގައި ގޯލެއް ވަނަނުދިނުން. އެއިރުން ދެ ވަނަ ލެގަށް ދާއިރު އިތުބާރު ބޮޑުވާނެ،" ޕޯޗުގަލްގެ ކޯޗު ބުންޏެވެ.

އޭނާ ބުނީ އޭއެފްސީ ކަޕުގައި ކާމިޔާބު ލިބޭނީ ރަނގަޅަށް ތައްޔާރުވާ އޮގަނައިޒް ޓީމަކަށް ކަމަށެވެ.

"އޭއެފްސީ ކަޕަކީ އޮގަނައިޒިން އާއި ޑިސިޕްލިންގެ މައްޗަށް ބުރަވާ މުބާރާތެއް. އަހަންނަނީ ހީވަނީ މި ދެ ޓީމުކުރެ އަހަރުމެންނަނީ ފެވަރިޓުންހެން. މާޒިޔާ އަކީ ވަރުގަދަ ޓީމެއް. އެކަމަކު މާޒިޔާއަކީ މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގައި އަހަރުމެން ކުޅުނުހާ ވަރުގަދަ ޓީމެއްނޫން،" ކޯޗު ބުންޏެވެ.

އޭނާ ވަނީ މާޒިޔާ އަކީ އެޓޭކް ބަލި ޑިފެންސް ވަރުގަދަ ޓީމެއްގެ ގޮތުގައި މީގެ ކުރިން ސިފަކޮށްފަ އެވެ.