ވިޔަފާރި

މުދާ ކްލިއަރކުރުމަށް އޭޕްރީލްމަހު ފަސޭޙަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެ- ރައީސް


ވިޔަފާރިވެރިންނަށް ފަސޭޙަކޮށްދިނުމަށް ނެޝަނަލް ސިންގަލް ވިންޑޯގެ ދަށުން އިމްޕޯޓާއި އެކްސްޕޯޓާގުޅޭ ލިޔެކިޔުންތައް ހުށަހެޅޭނެ އިންތިޒާމް މިއަހަރުގެ އޭޕްރިލްމަހު ހަމަޖެހިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

2020 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިިއްވަވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫޢުގެ ދަށުން އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް އިމްޕޯޓާއި އެކްސްޕޯޓާއި ގުޅޭ ލިޔެކިޔުންތައް ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށެވެ.

މި މަސައްކަތް މިއަހަރުގެ އޭޕްރީލް މަހަށް ނިމޭއިރު އަންނަ އަހަރުގެ ތެރޭ ސަރުކާރުގެ އެކި ވުޒާރާތައް މި ޕޯޓަލްއާއި ގުޅާލެވި އިމްޕޯޓް އެކްސްޕޯޓްގެ ހުއްދަތައް އޮންލައިންކޮށް ފޯރުކޮށްދެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިހާރު މަސައްކަތް ފަށާފައިވާ ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫޢުގެ ދަށުން، އޮންލައިން ޕޯޓަލެއްގެ ތެރެއިން އިމްޕޯޓް-އެކްސްޕޯޓާ ގުޅޭ ލިޔެކިޔުންތައް ލުއި ފަސޭހަކޮށް ހުށަހެޅޭނެ އިންތިޒާމު، އަންނަ އޭޕްރިލް މަސް ތެރޭގައި ހަމަޖެހިގެންދާނެ. އަދި ސަރުކާރުގެ ކަމާގުޅޭ ވުޒާރާތައް މި ޕޯޓަލްއާ ގުޅާލެވި، އިމްޕޯޓް-އެކްސްޕޯޓްގެ ހުއްދަތައް، އަންނަ އަހަރުގެ ތެރޭގައި، އޮންލައިންކޮށް ފޯރުކޮށްދޭން ފެށޭނެ." ރައީސް ވިދާޅުވިއެވެ.

ނެޝަނަލް ސިންގަލް ވިންޑޯ ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ އަހަރު ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއް އުފައްދާފައެވެ.

ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "ނެޝަނަލް ސިންގަލް ވިންޑޯ" ނިޒާމް ވެގެންދާނީ އެއް އައިޓީ ވިއުގައަކުން އިމްޕޯޓާއި އެކްސްޕޯޓް އަދި ޓްރާންސިޓް މުދާ ކްލިއަރ ކުރުމަށް ހުށަހަޅާ ޑިކްލަރޭޝަންތަކާއި ސަރުކާރުގެ އެކި އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ހަލުވިކަމާއެކު ލިބިގެންދާނެ ނިޒާމަކަށެވެ.

މި ނިޒާމުގެ ތެރެއިން، ވިޔަފާރިވެރިންނާއި ލޮޖިސްޓިކްސް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ދިވެހިރާއްޖެއަށް މުދާ އިމްޕޯޓްކޮށް އަދި އެކްސްޕޯޓްކުރުމުގައި ސަރުކާރުގެ ވުޒާރާތަކާއެކު ކުރެވޭ މުޢާމަލާތްތައް، ފަސޭހަކަމާއެކު ކުރުމަށް އެހީތެރިވެދޭނެއެވެ.

މި ނިޒާމުގެ ދަށުން ބޯޑަރުގައި ހަރަކާތްތެރިވާ މުހިއްމު 7 މުއައްސަސާއެއްގެ އައިޓީ ސިސްޓަމްތައް، އެއް ވިއުގައެއްގެ ގޮތުގައި ގުޅުވާލެވިގެންދާނެއެވެ. މިގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި މިނިސްޓްރީގެ އޮފް ޑިފެންސްގެ އައިޓީ ނިޒާމުތައް ގުޅުވާލެވިގެންދާނެއެވެ.

ސިންގަލް ވިންޑޯގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ސަރުކާރުން ބުނެއެވެ. އަދި 2 ވަނަ ފިޔަވަހީގެ މަސައްކަތްތައް 2021 ގެ ނިޔަލަށް ނިންމާލުމަށް ތާވަލުކުރެވިފައިވާކަމަށްވެސް ސަރުކާރުން ބުނެއެވެ.