ޚަބަރު

އިރުގެ އަވިން، އިތުރު 51 މެގަވޮޓްގެ ކަރަންޓު އުފެެއްދޭނެ ނިޒާމެއް ޤާއިމުކުރަނީ


އިރުގެ އަވިން، 51 މެގަވޮޓްގެ ކަރަންޓު އުފެއްދާނެ ނިޒާމުތައް މިއަހަރުގެ ތެރޭގައި ޤާއިމުކުރުމުގެ މަސައްކަތް ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ހާމަކުރައްވައިފިއެވެ.

51 މެގަވޮޓްގެ ކަރަންޓު އުފައްދާނެ ނިޒާމުތައް ޤާއިމުކުރުމާއިއެކު ރާއްޖޭގެ ކަރަންޓު ވިއުގައިގެ ތެރޭގައި، އިޢާދަކުރަނިވި ހަކަތަ ބޭނުން ކުރެވޭ މިންވަރު 72.5 މެގަވޮޓަށް އަރާނެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވާދެއްވައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ، ކަރަންޓު އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރު މަދުކުރުމަށް އެމަނިކުފާނުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި 40 ރަށެއްގައި، އަވިން ކަރަންޓު އުފައްދާ ނިޒާމުތައް ޤާއިމުކޮށް، 5.2 މެގަވޮޓްގެ ކަރަންޓު އުފައްދަން ފެށިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުފގައިވަނީ، ރާއްޖޭގެ ކަރަންޓު ވިއުގައިގެ ތެރޭގައި، އިޢާދަކުރަނިވި ހަކަތަ ބޭނުން ކުރެވޭ މިންވަރު 21.5 މެގަވޮޓަށް މަތިކުރެވިއިކަން ފާހަގަ ކުރައްވާފައެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު 51 މެގަވޮޓްގެ ކަރަންޓު އުފެއްދާނެ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް ފެށިގެން ދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ކަރަންޓު އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރު މަދުކުރުމަށް، މިދިޔަ އަހަރުގެ ތެރޭގައި 40 ރަށެއްގައި، އަވިން ކަރަންޓު އުފައްދާ ނިޒާމުތައް ޤާއިމުކޮށް، 5.2 މެގަވޮޓްގެ ކަރަންޓު އުފައްދަން ފެށުނު. އެހެންކަމުން، ރާއްޖޭގެ ކަރަންޓު ވިއުގައިގެ ތެރޭގައި، އިޢާދަކުރަނިވި ހަކަތަ ހިމެނޭ މިންވަރު ވަނީ، 21.5 މެގަވޮޓަށް، އާދެ 7.5 އިންސައްތަ އިތުރު ކުރެވިފައި. އިރުގެ އަވިން، އިތުރު 51 މެގަވޮޓްގެ ކަރަންޓު އުފައްދާނެ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.

ކުންޏަކީވެސް އާމްދަނީ ލިބޭ ވަސީލަތަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން، ކުނިން ހަކަތަ އުފެއްދުމަށް ތިލަފުށީގައި މިހާރު މަޝްރޫއެއް ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން 168 މިލިއަން ޑޮލަރުގެ މި މަޝްރޫޢު ނިމުމުން، 8 މެގަވޮޓުގެ ކަރަންޓު، މާލޭގެ މަރުކަޒީ އިންޖީނުގެއާ ގުޅައިލެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން 28 މިލިއަން ޑޮލަރަށް އައްޑޫ ސިޓީގައި ޤާއިމުކުރާ، ކުނިން ހަކަތަ އުފައްދާ ޕްލާންޓު ނިމުމުން، 1 މެގަވޮޓްގެ ކަރަންޓު، އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ ކަރަންޓް ވިއުގަޔާ ގުޅައިލެވޭނެކަންވެސް ރައީސުލްޖުމުހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.