ޚަބަރު

ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުއަޅަން ރައީސް އިލްތިމާސްކުރައްވައިފި


ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖެއިން ނިންމި ނިންމުންތަކާއެކު، ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތާއެކު ރާއްޖެއަށް އިޤްތިޞާދީ ގޮތުންލިބޭ މަންފާއަށްވުރެ ރައްޔިތުންގެ ރައްކާތެރިކަމަށް ވިސްނަވައި އެވަގުތަކަށް އަޅަންޖެހޭ ފިޔަވަޅުތަކެއް އަޅަމުން ގެންދާނެކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ޗައިނާގެ ވޫހާން ސިޓީން ކޮރޯނާ ވައިރަސް ފެނުމާ ގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ޗައިނާގެ ރައްޔިތުން އެޤައުމުތަކަށް އެރުވުމުގައި ހިފެހެއްޓުންތަކެއް ކުރިމަތިކުރުވާފައެވެ. މިއާއެކު ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާއިން ރާއްޖެއަށްކުރާ ސިދާ ދަތުުރުތައް ހުއްޓާލުމާއި ޗައިނާގެ މެއިންލޭންޑުން ފުރައިގެން ސީދާ ރާއްޖެ އަންނަ މީހުންނާއި ޗައިނާގައި މަޑުކުރުމަށް ފަހު ރާއްޖެއަށް މީހުންނަށް ރާއްޖެއަށް ނާދެވޭ ގޮތަށް ދިވެހި ސަރުކާރުން މިހާރު މިވަނީ ޓްރެވަލް އެޑްވައިޒަރީއެއް ނެރުއްވާފައެވެ.

މިއާއެކު ރާއްޖެއަށް އެންމެ ގިނައިން އާމްދަނީ ވަންނަ ފަތުރުވެރިކަމުގެ ސިނާޢަތަށް ލޮޅުންތަކެއް އަންނާނެކަމަށް ބަލައި ސަރުކާރުންވެސް ދަނީ އެކަމަށް ތައްޔާރުވަމުންނެވެ. ޗައިނާގައި ކޮރޯނާ ވައިރަސް ފެތުރެންފެށިފަހުން ޖެނުއަރީ މަހުންފެށިގެން މިހާތަނަށް ރާއްޖެއަންނަށް ހަދާފައިވާ 11115 ބުކިން ކެންސަލް ކޮށްފައިވާކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެެވެ.

ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ، ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އަޅާކޮންމެ ފިޔަވަޅަކީ ރައްޔިތުންގެ ރައްކާތެރިކަމަށްއަޅާ ފިޔަވަޅެއްކަމަށާއި، އެއާއި ގުޅިގެން ދެން ކުރަންޖެހޭ ކޮންމެ ކަމަކަށް ސަރުކާރުން ތައްޔާރަށް އޮތްކަމަށެވެ.

"މުޅި ރާއްޖެ އޭޒްއަހޯލް ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނާއި، މިވަގުތު ދިރިއުޅެމުންދާ މީހުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއްދީގެން އެޅުނު ފިޔަވަޅެއް ދެން އޭގެ ކޮންސިކްއެންސަސްއަށް، އަޅުގަނޑުމެން އެއަށް ތައްޔާރުވެ އެކަމާއި ގުޅިގެން ގެންނަންޖެހޭ ބަދަލުތައް ގެންނާނަން. ދެން އަޅުގަނޑު ފާހަގަކޮށްލަން މިއަދުވާނީ ސަރުކާރުގެ ކަމާބެހޭ އިދާރަތަކާއި ކުންފުނިތަކަށް މިނިންމުންތަކާއި ގުޅިގެން ޚަރަދުކުޑަކުރުމަށްވެސް ރައިސުލްޖުމްހުރިއްޔާވަނީ އިލްތިމާސްކޮށްފަ" މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ "ނޮވެލް ކޮރޯނާވައިރަސް" އިން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެ ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވާލެއްވި ޚާއްޞަ ޓާސްކްފޯހުގެ މެންބަރުންނާ އެމަނިކުފާނު ވަނީ މިއަދުވެސް ބައްދަލުކުރައްވައި ކަމާގުޅޭ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވައި އިރުޝާދު ދެއްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި، އެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް ކުރެވެން ހުރި މަސައްކަތްތަކާއިމެދު މަޝްވަރާކުރައްވާ، އިރުޝާދު ދެއްވައި މިކަމުގައި ހުރިހާ އިދާރާތަކުންގުޅިގެން މަސައްކަތްކުރުމަށްއެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.