ޚަބަރު

ރާއްޖޭއިން ޓެސްޓުކުރުމަށް އިންޑިއާގެ ޕޫނޭއަށް ފޮނުވި ސާމްޕަލްތަކުގެ ނަތީޖާ މާދަމާ ލިބޭނެ - ސަރުކާރު


ކޮރޯނާ ވައިރަސް ހުރިތޯ ދެނެގަތުމަށް ރާއްޖެއިން އިންޑިއާގެ ޕޫނޭއަށް ފޮނުވި ސާމްޕަލްތަކުގެ ނަތީޖާ މާދަމާ ލިބޭނެކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޗައިނާއިން ރާއްޖެއަށް އައި 20 އަހަރުގެ ދިވެހި ފިރިހެނެއްގެ ހަށިގަނޑުގައި ކޮރޯނާ ވައިރަސް ހުރެދާނެ ކަމަށް ބެލެވޭ ބައެއް އަލާމާތްތައް ފެނިފައިވާތީ އޭނާގެ ގައިގައި ކޮރޯނާ ވައިރަސް ނެތްކަން ކަށަވަރުކުރުމަށް އިންޑިއާއަށް ސާމްޕަލް ފޮނުވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.

އަދި މިޓެސްޓުތަކުގެ ނަތީޖާ މިއަދު ލިބޭނެކަމަށް ކުރިން ލަފާކުރިއެވެ. އެހެން ނަމަވެސް ރައިސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދު ވިދާޅުވީ ޓެސްޓުކުރުމަށް ފުރިހަމަކުރަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފުރިހަމަކުރުމަށްފަހު މިހާރު ޕޫނޭގެ ލިބޯޓަރީއަށް އެސާމްޕަލްތައް ފޮނުވިފައި ވާކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަލީ ވަޙީދު ވިދަޅުވީ ސަރުކާރުން ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަސްނުޖެހޭނެކަމަށެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ޓެސްޓު ހަދަން ފޮނުވި ސާމްޕަލްތަކުގެ ނަތީޖާ ލިބޭ ގަޑި އަދިވެސް ބަދަލުވެދާނެ ކަމަށެވެ. އަދި ނަތީޖާ ކޮންމެ ވަގުތެއްގައި ލިބުނުނަމަވެސް އެއްވެސް ލަސްކުރުމެއްނެތި އެމައުލޫމާތު ދިވެހި ރައްޔިތުންނާއި ހިއްސާކުރަނެކަމުގެ ފުރިހަމަ ޔަގީންކަން ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދުވަނީ ދެއްވާފައެވެ.

ކޮރޯނާވައިރަސްއަށް އެކަށީގެންވާ ފަރުވާއެއް މިހާތަނަށް ހޯދިފައިނުވާއިރު ސައިންސްވެރިން ގެންދަނީ އެބަލީގެ ފަރުވާ ހޯދުމުގެ މަސައްކަތްތައް ކުރަމުންނެވެ. މީގެ އިތުރުން ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މީހުން ވީއެންމެ އަވަހަށް ދެނެގަތުމަށް ޓެސްޓުކުރުމަށް ބޭނުންވާ ޓެސްޓު ކިޓުތައްވެސް އުފެއްދުމުގެ މަސައްކަތްވެސް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

އަދި މިފަދަ ކިޓުތައް ބޭނުންކުރުމުގެ ހުއްދަ ޑަބްލިއުއެޗްއޯއިން ދިންހައި އަވަހަކަށް އެތަކެތި ރާއްޖެއަށް ގެނެސް ބޭނުން ކުރަން ފަށާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

ކޮރޯނާވައިރަސްއާއި ގުޅިގެން ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް ޢަމަލުކުރަމުން ދަނީ ސީދާ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ގައިޑުލައިނާއި އެއްގޮތަށެވެ.