ޚަބަރު

ރައީސްގެ ޚާއްޞާ ޝުކުރު އިންޑިއާއާއި ޗައިނާ ސަރުކާރަށް


ޗައިނާގެ ވުހާން ސިޓީގައި ތިބި 7 ދިވެއްސަކު، ކަރަންޓީން ކުރުމަށް އިންޑިއާއަށް ގެންދިއުމުގައި އެހީތެރިވުމުން އިންޑިއާ ސަރުކާރާއި ޗައިނާ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝުކުރު އަދާކުރައްވައިފިއެވެ.

ޗައިނާގެ ވުހާން ސިޓީގައި ތިބި އިންޑިއާގެ 323 މީހުންނާއިއެކު ހަތް ދިވެއްސަކު އިންޑިއާގެ ދިއްލީއަށް ކަރަންޓިންކުރުމަށް ގެންދިއުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓުގައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އެޤައުމުގެ އެކްސްޓަރނަލް އެފެއަޒް މިނިސްޓަރ ޑރ.ސުބްރަމާނިޔަމް ޖަޔަޝަންކަރަށާއި އިންޑިއާގެ ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ. އަދި މިކަމުން ދައްކުވައިދެނީ ދެޤައުމުގެ ދެމެދުއޮތް ވަރުގަދަ އެކުވެރި ގުޅުންކަމަށްވެސް ރައީސްގެ ޓްވީޓުގައި ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން ޗައިނާގެ ވުހާންސިޓީން އިން ދިވެހިން ނެރެ އިންޑިއާއަށް ގެންދިއުމުގައިޗައިނާ ސަރުކާރުން ވެދެއްވި އެހީތެރިކަމަށްވެސް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޗައިނާގެ ވޫހާންގައި ތިބި 7 ދިވެހިން އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ގެންގޮސްފައިވަނީ އެއަރ އިންޑިއާގެ ޚާއްޞަ ފްލައިޓެއްގައެވެ. އަދި ވަކި މުއްދަތެއް ވަންދެން އެމީހުން އިންޑިއާގައި ކަރަންޓީނު ކުރާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުވެސް ވަނީ ވުހާއިންއިން އިންޑިއާއަށް ދިވެހިން ގެންދިއުމުގައި އިންޑިއާސަރުކާރުން ވެދެއްވި އެހީތެރިކަން ފާހަގަކޮށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށާއި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ.ސުބްރަމާނިޔަމް ޖަޔަޝަންކަރުގެ އިތުރުން އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ޗައިނާގެ ވޫހާން ސިޓީގައި 9 ދިވެހިން ދިރިއުޅެމުންދާއިރު މީގެކުރިން މިނިސްޓަރ ވިދާޅުވީ އެ 9 މީހުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވަނީ 7 މީހުން ކަމަށެވެ. މުޅިޗައިނާގައި 69 ދިވެހިން ދިރިއުޅެމުންދެއެވެ. ނަމަވެސް މިހާރު ޗައިނާގައި ތިބީ 43 ދިވެހިންކަމަށް މިނިސްޓަރ މިއަދު ވަނީ ވިދާޅުވެފައެވެ. ސަރުކާރުންވަނީ ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިންނށް މާލީ އެހީތެރިކަންވެސް ފޯރުކޮށްދޭން ފަށާފައެވެ.