ސިވިލް ސަރިވިސް
މުވައްޒަފުންގެ ފާއިތުވި 2014 ވަނަ އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ
ނިޒާމްގެ ތެރެއިން ބޯނަސް ހައްޤުވާ މުވައްޒަފުންނަށް މި ޖުލައިމަސް ނުވަތަ
އޯގަސްޓްމަހުގެ މުސާރައާއެކު ބޯނަސް ފައިސާ ދިނުމަށް ސިވިލް ސަރވިސް ކޮމިޝަނުން
ނިންމައިފިއެވެ.ސިވިލް ސަރވިސް
ކޮމިޝަންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމިޝަންގެ ސީނިއަރ
އެޗްއާރު އޮފިސަރ މުޙައްމަދު ރިޒާ ވިދާޅުވީ މި އަހަރު މުވައްޒަފުންގެ އަހަރީ
ބޯނަސް ދިނުމަށް ބަލާފައިވަނީ 2014 ވަނަ އަހަރުގެ 1 ފެބްރުއަރީން
ފެށިގެން މިއަހަރުގެ ޖެނުއަރީ މަހުގެ 31 ގެ ނިޔަލަށް މުވައްޒަފުން ކޮށްފައިވާ
މަސައްކަތްތަށް ކަމަށެވެ. އަދި ސިވިލްސަރވިސްގައި
ފަންސަވީސް ހާސް ހަތްދިހަ ހަ މުވައްޒަފުން މަސައްކަތްކުރަމުންދާއިރު މި އަހަރު ބޯނަސް
ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ %55 މުވައްޒަފުންނަށްކަމަށެވެ. އެހެންކަމުން މިއަހަރު 13905 މުވައްޒަފުންނަށް
ބޯނަސް ފައިސާ ލިބޭނެއެވެ.
ސިވިލްސަރވިސް
ކޮމިޝަނުން ބުނީ ބޯނަސް ފައިސާ ދިނުމަށް ސާޅީސް މިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ.އަދި ބޯނަސްދެވޭނީ ތިން ކެޓަގަރީއަކަށް ބަހަލައިގެންނެވެ. އެގޮތުން މަސައްކަތުގެ
ފެންވަރު ބެލުމުން %98 މަތިން ލިބިފައިވާ
މުވައްޒަފުންނަށް އެ މުވައްޒަފެއްގެ އެއްމަހުގެ އަސާސީ މުސާރަލިބޭނެއެވެ. %95އާއި %97އާއި ދެމެދުގެ އަދަދަކަށް ލިބިފައިވާނަމަ
އެމީހެއްގެ އަސާސީ މުސާރައިގެ ތިންބައިކުޅަ ދެބައި އަދި މަސައްކަތުގެ ފެންވަރު
ބެލުމުން %75އާއި %94އާއި ދެމެދުގެ
އަދަދަކަށް ލިބިފައިވާނަމަ އަސާސީ މުސާރައިގެ ތިންބައިކުޅައެއްބައި ލިބޭނެއެވެ.
މުޙައްމަދު ރިޒާ ވިދާޅުވީ ބޯނަސްދިނުމާއި
ގުޅިގެން ޝަކުވާ ހުށަހެޅުމަށް އެއްމަސްދުވަހުގެ ފުރުސަތެއް ލިބޭނެއެވެ.
2014ވަނަ އަހަރު ސިވިލް ސަރވިސްގެ %51 މުވައްޒަފުންނަށް ބޯނަސް ފައިސާ ދީފައިވެއެވެ. މުވައްޒަފުންގެ މަސައްކަތު
ފެންވަރު ބެލުމުގައި އެ މުވައްޒަފަކު ދޭ ޚިދުމަތާއި އޮފީހުގެ ލަނޑުދަނޑިތައް
ހާސިލްކުރުމަށް ކުރެވިފައިވާ މަސައްކަތަށް ރިއާޔަތްކުރެވިފައިވާކަމަށް
އެކޮމިޝަނުން ބުނެއެވެ.