ޚަބަރު

އައްޑޫ މޭޔަރު، ޞާދިޤް ބަލި ޤަބޫލުރައްވައިފި!


ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމުން އެމްޑީޕީގެ މިހާރު މޭޔަރު އަބްދުﷲ ޞާދިޤް ބަލި ޤަބޫލުކުރައްވައިފިއެވެ.

އައްޑޫސިޓީގެ މޭޔަރުކަމަށް ޓިކެޓް ހޯދުމަށް އެމްޑީޕީގެޕްރައިމަރީގައި ވާދަކުރީ ޞާދިޤްގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ނިޒާރާއި އައްޑޫ އެމްޑީޕީ ގޮފީގެ ރައީސް އަޙްމަދު އަދުހަމެވެ.

ޕްރައިމަރީން ބަލިވިކަން ޤަބޫލުކުރައްވާ އައްޑޫ ސިޓީގެ މޭޔަރު ކުރެއްވި ޓްވީޓްގައި ވަނީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ޢަލީ ނިޒާރަށް މަރުހަބާ ދަންނަވާ، ޞާދިޤަށް ވޯޓު ދެއްވި ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. އަދި ޞާދިޤަށް ވޯޓު ދެއްވި ބޭފުޅުން ހިތްވަރު ކުރެއްވުމަށްވެސް ޞާދިޤް އެދިވަޑައިގެންފައިވެއެވެ.

އަދި އައްޑޫ މޭޔަރުކަމުގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތްކޮށްދެއްވާނެކަމަށްވެސް ޞާދިޤް ވިދާޅުވެފައިވެއެވެ. ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ފެށުމާއެކު އައްޑޫ ސިޓީއަކަށް ބަދަލުވުމުގެ ކުރިން އައްޑު އަތޮޅު ކައުންސިލްގެ ރައީސްކަމާއި، އައްޑޫ ސިޓީއަކަށް ބަދަލުކުރީއްސުރެ މިހާތަނަށް މޭޔަރުކަން ކުރައްވާފައިވަނީ ޞާދިޤްއެވެ.

އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވި އަލީ ނިޒާރަކީ ނިމިދިޔަ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ ދެކުނު ދާއިރާ ތަމްސީލްކުރެއްވި މެންބަރެވެ. އަދި 19ވަނަ މަޖިލީހުގެ ޓިކެޓް ހޯދުމަށްވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް ނިޒާރު ވަނީ ނާކާމިޔާބުވެފައެވެ.

އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރުމަށް ޓިކެޓް ހޯދުމަށް ބޭއްވި ޕްރައިމަރީން ޞާދިޤް ނާކާމިޔާބުވެވަޑައިގެންފައިވައިރު ފުވައްމުލައް ސިޓީގެ މިހާރުގެ މޭޔަރު ޢަބްދުﷲ ފަލާހަށްވެސް ވަނީ ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިވަޑައިގެންފައެވެ.