ޚަބަރު

އެމްޑީޕީ ޕްރައިމަރީ: ވޯޓްލުން ނިންމައި ގުނަން ފަށައިފި


އަންނަ އޭޕްރީމް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ނިންމާ ވޯޓް ގުނަން ފަށައިފިއެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް އެންމެ ފުރަތަމަ ޕްރައިމަރީއެއް ބޭއްވި އެމްޑީޕީން ވަނީ 93 ރަށެއްގައި ވޯޓުލުން ކުރިއަށް ގެންގޮސްފައެއެވެ. މި އިންތިޚާބުގައި ނުވަދިހަ ހާހަށްވުރެ ގިނަ މެންބަރުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވާކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ކައުންސިލް އިންތިޚާބުގައި 980 ކައުންސިލަރުން އިންތިޚާބުކުރަންޖެހެއެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް 1246 ފަރާތަކުން ފޯމްހުށައެޅިކަމަށް އެޕާޓިން ބުނެއެވެ. އަދި ޕްރައިމަރީއަކާއި ނުލާ 389 ފަރާތަކަށް ޓިކެޓް ކަށަވަރުވެފައިވާކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ. ޕްރައިމަރީގެ ވޯޓުލުން ނިންމާ ގިނަ މަރުކަޒުތަކުގައި ވޯޓު ގުނަން ފަށާފައިވާއިރު، މިރޭ ހުރިހާ މަރުކަޒުތަކުގައި ވޯޓުގެ ވަގުތީ ނަތީޖާ އިޢުލާންކުރަން ކުރާނެއެވެ.

މި ޕްރައިމަރީގައި ވޯޓްލުމަށް ރާއްޖޭގެ އެކި ސަރަޙާއްދުތަކުގައި 169 ވޯޓް ފޮށި ބެހެއްޓިއެވެ. މާލޭގައި ވޯޓުލުމަށްޓަކައި، ވޯޓް ފޮށި ބަހައްޓާފައިވަނީ ދަރުބާރުގެއާއި، ކަލާފާނު ސްކޫލާއި، މަޖީދިއްޔާ ސްކޫލާއި، އިމާދުއްދީން ސްކޫލާއި، އިސްކަންދަރު ސްކޫލާއި، އެމްޑީޕީގެ ހަރުގޭގައެވެ. އަދި ވިލިމާލޭގައި މުޙިއްޔިއްދީން ސްކޫލްގައާއި، ހުޅުމާލޭ ރެހެންދި ސްކޫލްގައިވެސް ވޯޓްފޮށި ބަހައްޓާފައިވެއެވެ. އަދި އެންމެ ގިނަ ވޯޓް ފޮށި ބަހައްޓާފައި ވަނީ ދަރުބާރުގޭގައެވެ.

އެމްޑީޕީން ބުނީ މި ޕްރައިމަރީގައި އެންމެ ވާދަވެރީ 4 ސިޓީއަށް މޭޔަރުން ކަނޑައެޅުމުގެ ޕްރައިމަރީއާއި، އަންހެނުންނަށް ވާދަކުރެވޭނެ ދާއިރާތައްކަމަށެވެ. ވަރަށް ވާދަވެރިކޮށް ކުރިއަށްދިޔަ ޕްރައިމަރީގެ ވޯޓުލުން ނިންމާލާފައިވަނީ ވަރަށް އަމާންކަމާއެކުމަމަށްވެސް އެމްޑީޕީން ބުނެއެވެ. ލޯކަލް ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އެކުލަވާލުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.