ކުޅިވަރު

ފައިނަލުގައި ސޮކާރ ވެޓްރަންސް އެސޯސިއޭޝަނާއި ކްލަބް ވެލެންސިޔާ


މައިލޯ ރަމަޟާން ވެޓަރެންސްކަޕްގެ ފައިނަލުން ސޮކާރ
ވެޓްރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ކުލަބް ވެލެންސިޔާ ޖާގަ ހޯދައިފިއެވެ. މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލްގެ ދެ މެޗްގެ ތެރެއިން ސޮކާރ ވެޓްރަންސް
އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ ބީޖީ ސްޕޯޓްސް
ކުލަބްއާ ވާދަކޮށް ތިން ލަނޑު އެއް ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗްގައި
ސޮކާރ ވެޓްރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ޖެހި ތިން ލަނޑު އެޓީމްއަށް
ކާމިޔާބުކޮށްދިނީ އަލީ ޝަމީމް، މުހައްމަދު ނިޒާމް އަދި އިބްރާހީމް ހަލީމް. ބީޖީ ސްޕޯޓްސް
ކުލަބްއިން ޖެހި ހަމައެކަނި ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސުޖާއެވެ.
މެޗްގައި ބީޖީ ބަލިވިކަމުގައިވީނަމަވެސް އެޓީމްއަށްވެސްވަނީ ގޯލް ޖަހާނެ
ފުރުސަތުތަކެއް ލިބި، ބޭކާރުވެގެން ގޮސްފައެވެ.



ފައިނަލުން ކުލަބް ވެލެންސިޔާ ޖާގަހޯދީ މާލޭ
ވެޓްރެންސްއާ ވާދަކޮށް ފަސް ލަނޑު އެއް ލަނޑުން މެޗް ކާމިޔާބުކޮށްގެން. މިމެޗްގައި
ކުލަބް ވެލެންސިޔާއިން ޖެހި ލަނޑުތަށް އެޓީމްއަށް ކާމިޔާބުކޮށްދިނީ އައްސަދު
އަބްދުލް ޢަނީ، އަހުމަދު ނަސީމް، އިސްމާޢީލް އަނިލް، އަލީ ރަޝީދް އަދި މުހުތާރު
ނަސީރެވެ. މާލޭ ވެޓްރަންސްއިން ޖެހި ހަމައެކަނި ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ
އަހުމަދު ޝާކިރެވެ. 

މިމުބާރާތުގެ ފައިނަލަށް ސޮކާރ ވެޓްރަންސް އެސޯސިއޭޝަން އޮފް
މޯލްޑިވްސްއާ ކުލަބް ވެލެންސިޔާ ދަތުރުކޮށްފައިވާއިރު، މިމުބާރާތުގައި މީގެ ކުރިން
މިދެޓީމް ބައްދަލުކުރި މެޗް ހަތަރު ލަނޑު ދެ ލަނޑުން ކާމިޔާބުކޮށްފައިވަނީ ކުލަބް
ވެލެންސިޔާއިންނެވެ. މިދެޓީމް ބައްދަލުކުރާ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ
މިއަންނަ ބުރާސްފަތި ދުވަހު ހަވީރު ހަތަރުގަނޑި ވިހީގައެވެ.