ޚަބަރު

ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުކުރާ ފްލައިޓްތައް މެދު ކަނޑާލައިފި


ޗައިނާއިން ރާއްޖެއަށް ސިދާ ދަތުރުކުރާ ފުލައިޓްތައް މެދުކަނޑާލިކަން ސަރުކާރުން އިޢުލާންކޮށްފިއެވެ. ސަރުކާރުގެ ފަރާތުން މިކަން އިޢުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދުއެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން ސަރުކާރުގެ ނިންމުން ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، ޗައިނާއިން ސީދާ ރާއްޖެ އަންނަ ފްލައިޓްތައް މިވުގަތަށް މެދުކަނޑާލުމުގެ އިތުރުން ޗައިނާއާއި، ކޮރޯނާ ރޯގާ ފެތުރެމުންދާ އެހެން ޤައުމުތަކަށް ދިވެހިން ދަތުރުކުރުމުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައްފިޔަވާ އެހެން ދަތުރުތައް މިވަގުތަށް ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. ފޮރިންގ މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ މިއަދުގެ މަޣްރިބް ނަމާދަށްފަހު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ހުރިހާ ނަމާދަށްފަހު ޤުނޫތު ކިއުމަށްވެސް ސަރުކާރުން ނިންމާފައިވާކަމަށެވެ.

"އަޅުގަނޑުމެންނަކީ އިސްލާމީ ޤައުމެއް. މިފަދަ ބޮޑެތި ކންތައްތައް ދިމާވީމަ އަޅުގަނޑުމެން އެންމެ އިސްކަމެއްގެ ގޮތުގައި މި ގެންގުޅެނީ ﷲ ސުބުހާނަހޫ ވަތަޢާލާއަށް ދުޢާ ދެންނެވުމާއި އެކަލާންގެ ރަޙުމަތުން މި ޤައުމަށް އިތުރު ކަންތައްތައް ދިމާނުވެ ސަލާމަތްކޮށްދެއްވުންއެދި ދުޢާ ދެންނެވުން. މިގޮތުން މިރޭގެ މަޣްރިބް ނަމާދަށްފަހު ނަމާދުގައި ޤުނޫތު ނާޒިލަށް ކިޔާގޮތަށް ކުރިއަށް ގެންދިއުމަށް ސަރުކާރުން މިހާރު ވަނީ ނިންމަވާފައި." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ފޮރިންގ މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ 69 މީހަކު ޗައިނާގެ އެކި ސިޓީތަކުގައި ތިބިކަމަށް އެޤައުމުގައި ހުންނަ ދިވެހި އެމްބަސީގައި ރަޖިސްޓްރީވެފައިވާކަމަށެވެ. އަދި ކޮރޯނާ ވައިރަސް އެންމެ ހަލުވިކޮށް ފެތުރޭ ވޫހާންގައި 9 ދިވެހިން ތިބިކަމަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ޤައުމީ އެއަރލައިނުން ޗައިނާއަށް ދަތުރުކުރާ ފަސް ސިޓީން ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް ހިލޭ ރާއްޖެ އައުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސައިދެއްވާފައިވާކަން މިނިސްޓަރ ތަކުރާރުކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ދިވެހި ރައްޔިތުންނަށް ބޭނުންވާ ރައްކާތެރިކަން ސަރުކާރުން އަބަދުވެސް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަންދެއްވިއެވެ. ބޭރު ޤައުމުތަކުގައި އެމްބަސީތައް ހުޅުވާފައިވަނީ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަށްކަމަށާއި، އެހެންކަމުން ބޭރު ޤައުމުތަކަށް ދަތުރުކުރާ ދިވެހިން އެމްބަސީގައި ރަޖިސްޓްރީވުމަށް ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު އިލްތިމާސްކުރެއްވިއެވެ.