ކުޅިވަރު

ލިވަޕޫލުން 70 ޕޮއިންޓް ހަމަކޮށްފި


ވެސްޓްހޭމް 2-0އިން ބަލިކޮށް އިނގިރޭސި ޕްރެމިއާ ލީގުގައި ލިވަޕޫލުން 70 ޕޮއިންޓް ހަމަކޮށްފި އެވެ.

މިއީ ދެ ވަނާގައިވާ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށްވުރެ 19 ޕޮއިންޓް ގިނަ އަދަދެކެވެ. މެޗުގައި ލަނޑު ޖެހީ މުހައްމަދު ސަލާހް އާއި އޮކްސްލައިޑް ޗެމްބަލައިން އެވެ.

ނަމަވެސް މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ 19 ޕޮއިންޓްގެ ލީޑެއް އޮތަސް އެހެން ޓީމަކަށް އޭނާގެ ޓީމު އަތުނުވާނެއޭ ބުނަން ދަތިކަމަށެވެ.

"އަހަންނަކަށް ނޭނގެ. އަހަރެން އެކަމާ ނުވިސްނަން. ތެދެއް 70 ޕޮއިންޓް ހަމަކުރެވިއްޖެ. އެކަމަކު މިއީ އެއްވެސް އެއްޗެއްނޫން. ރެކޯޑްތަކާމެދު އަހަރެން ނުވިސްނަން. މި މެޗުގައި އަހަރުމެން ދެއްކީ އާދައިގެ ކުޅުމެއް. އެކަމަކު އެންމެ މުހިންމު ކަމަކީ މޮޅުވުން،" ކްލޮޕް ބުންޏެވެ.

މިއީ މިފަހަރުގެ ޕެރްމިއާ ލީގުގައި ލިވަޕޫލް ކުޅުނު 24 މެޗުގެ ތެރެއިން މޮޅުވި 23 ވަނަ މެޗެވެ. އެ ޓީމު ބައްޔެއްނުވެ އެވެ. އަދި މިއީ ހުރިހާ މުބާރާތަކަށް ބަލާއިރު ލިވަޕޫލް ބަލިނުވެ ނިންމާލި 41 ވަނަ މެޗެވެ. ލިވަޕޫލް އަތުން ބަލިވި ވެސްޓްހޭމް އޮތީ 17 ވަނާގަ އެވެ.