ކުޅިވަރު

ޔުނައިޓެޑް ބަލިކޮށް ސިޓީ ފައިނަލަށް


އަމިއްލަ ދަނޑުގައި ރޭ 1-0އިން މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވި ނަމަވެސް ދެ މެޗުގެ އެގްރީގޭޓުން 3-2އިން މޮޅުވެ އިނގިރޭސި ލީގު ކަޕުގެ ފައިނަލަށް މެންޗެސްޓާ ސިޓީ ދަތުރުކޮށްފި އެވެ.

މެޗުގެ ހަމައެކަނި ލަނޑު ޖެހީ މަޓިކް އެވެ. އޭނާ އަށް ފަހު ހާފުގައި ވަނީ ރަތްކާޑެއް ވެސް ދައްކައިފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ލިބޭ ގިނަ ފުރުސަތުތަކުގެ ބޭނުންކުރަން ކުޅުންތެރިން ދަސްކުރަންޖެހޭ ކަމަށެވެ.

"މި މެޗުގައި ވެސް ގިނަ ފުރުސަތުތަކެއް ލިބި ގޯޅު ނުޖެހި ދިޔައީ. އެމީހުން ގޯޅު ޖެހީ ގޯލަށް ފޮނުވާލި ހަމައެކަނި ބޯޅައިން. އެއީ ފްރީކިކެއް. ދެ މެޗަށް ބަލާއިރު ވެސް 180 މިނިޓްގައި މޮޅީ އަހަރުމެން. އެކަމަކު ގޯލު ޖަހަން ފަރުވާތެރިވާންޖެހޭ،" ގާޑިއޯލާ ބުންޏެވެ.

އޭނާ އަދި ބުނީ ޔުނައިޓެޑް އަތުން ބަލިވުމަކީ ސަޕޯޓަރުން ވެސް ބޭނުންވާނެ ކަމެއްނޫން ކަމަށާއި ނަމަބެސް ޓީމު ފައިނަލުގައި އޮތުމުން އެކަމާ ކަންބޮޑުނުވާ ކަމަށެވެ. މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އޮލޭގަނާ ސޮލިޝަޔާ ބުނީ އޭނާގެ ކުޅުންތެރިންނާމެދު ފަހުރުވެރިވާ ކަމަށެވެ.

"މި މެޗަކީ ސިޓީގެ ދަނޑުގައި އަހަރުމެން އަތުން އެމީހުން ބަލިވި ދެ ވަނަ ފަހަރު. ދެ ފަހަރު ސިޓީގެ ދަނޑުގައި އެމީހުން ބަލިކުރެވުމުން އަހަރެން ކުޅުންތެރިންނާމެދު ފަހުރުވެރިވަން. މިއީ ފަސޭހަކަމެއްނޫން. ތެދެއް. އަހަރުމެން އޮތީ ފައިނަލުގައެއްނޫން. އެކަމަކު އަހަރުމެން މިދަނީ ނަތީޖާތައް ރަނގަޅުކުރަމުން،" ސޮލިޝަޔާ ބުންޏެވެ.

މި މެޗަށް ފަހު ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތައް ދެ ކޯޗުން ވެސް ކުށްވެރިކުރި އެވެ.