ތަޢުލީމު

އެމް.އެން.ޔޫ އުފެއްދުންތެރި ތަނަކަށް ވާންޖެހޭ - ޗާންސެލަރ


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އުފެއްދުންތެރި ތަނަކަށް ވާންޖެހޭކަމަށާއި، ޤައުމީ ކަންކަމުގައި ބަސްބުނާ ތަނަކަށް ޤައުމީ ޔުނިވަރސިޓީ ހައްދަވާނެކަމަށް އެ ޔުނިވަރސިޓީގެ ޗާންސެލަރ، ޑރ. މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ. ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ލަތީފު ވިދާޅުވީ، ތައުލީމުގެ ދާއިރާއިން، ތައުލީމު ދިނުމާއި، އުގަންނައިދިނުމުގެ ދާއިރާއަށް އަންނަމުންދާ ބަދަލުތައް ހޯދައިބަލާ، އެކަންކަން ހަރުދަނާކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެކަމަށެވެ. ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ޔުނިވަރސިޓީގައި ކިޔަވައިދެމުންދާ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހިފައިވާކަން ފާހަގަކުރައްވަމުން ކުރިއަށް އޮތްތާގައި އެންމެ ބޮޑަށް މަސައްކަތްކުރައްވާނީ، ޢިލްމީ ބޮޑެތި ދިރާސާތައް ކުރުން އިތުރުކޮށް، ޤައުމީ ކަންކަމުގައި ބަސްބުނާ، ސިޔާސަތު ކަނޑައެޅުމުގައި ހިޔާލު ހުށަހަޅާނެ މައި "ހަބަކަށް" ޔުނިވަރސިޓީ ހެއްދެވުމަށްކަމަށް ޑރ. ލަތީފް ވިދާޅުވިއެވެ. ޔުނިވަރސިޓީގައި ކިޔަވަމުންދާ ދަރިވަރުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދިޔުމުގެ ސަބަބުން، ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ކަމަށާއި، ތަޢުލީމީގޮތުން ވަރުގަދަ މަރުކަޒަކަށް ޔުނިވަރސިޓީ ހެދުމުގައި އިންސާނީ ވަސީލަތްތައް މަދުވުންފަދަ ގޮންޖެހުންތައް ހުރިކަން ޑރ. ލަތީފް ފާހަގަކުރެއްވިއެވެ. ޤައުމީ ޔުނިވަރސިޓީން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރައްވަމުން، ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ވިދާޅުވީ، ފާއިތުވި އަހަރުތަކުގެ ތެރޭގައި ޔުނިވަރސިޓީގެ ހަޔާތުގައި ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ، އެންމެ މަތީ ފެންވަރުގެ ކޯސްތައްވެސް ޔުނިވަރސިޓީގައި ހިންގިފައިވުންކަމަށެވެ. މިއާއިއެކު ޔުނިވަރސިޓީ ކުރިއެރުވުމުގައި އަދިވެސް ތަރައްޤީކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ވައިސް ޗާންސެލަރ ފާހަގަކުރެއްވިއެވެ. އެގޮތުން ދިރާސާ ކުރުމުގެބައި މިހާރަށްވުރެ ފުޅާކުރުމާއި، ކޯސްތައް ފަރުމާކުރުމާއި، މިހާރަށްވުރެ މަތީ ފެންވަރުގެ ކޯސްތައް އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް ޑރ. ފަވާޒް ވިދާޅުވިއެވެ. ފަނަރަ ސަތޭކައަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ ޤައުމީ ޔުނިވަރސިޓީއަކީ ރާއްޖޭގައި ޤާއިމުކުރެވުނު އެންމެ ފުރަތަމަ ޔުނިވަރސިޓީއެވެ. ސުކޫލް މަދަރުސާ ނިންމާ، މަތީ ތައުލީމު ޙާސިލްކުރުމަށް ބޭނުންވާ ދަރިވަރުންނަށް އެފުރުސަތު ވީހާވެސް ފުޅާދާއިރާއެއްގައި ފޯރުވައިދިނުމަށްޓަކައި އެ ޔުނިވަރސިޓީގެ އެގާރަ ކެމްޕަހެއް މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވެއެވެ.