ރާއްޖޭގައި ތިބި ބިދޭސީންނަށް ކޮރޯނާ ވައިރަހާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ޚާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.
ޗައިނާގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަހަށް ތައްޔާރުވުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެތެރެއިން ރާއްޖޭގައި މިހާރު ތިބި އިންޑިއާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ހެލްތު މިނިސްޓްރީން ވަނީ ފައްޓަވާފައެވެ. މީގެ އިތުރުން ކުއްލި ޙާލަތަކަށް ތައްޔާރުވުމަށްޓަކައި ރައްކާތެރިކަމުގެ ފުރަތަމަ ވަޞީލަތްކަމަށްވާ މާސްކު، އިތުރަށް ހޯދުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންނެވެ.
މީގެ އިތުރުން އިއްޔެ ކުރިއަށް ގެންދިޔަ ކޮރޯނާއަށް ތައްޔާރުވުމުގެ އެކްސަސައިޒްގެ ތެރެއިން ފާހަގަ ކުރެވުނު އެކި މައްސަލަތަކާއި އެކަންކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ އަކަންކަމަށް އަވަސް ޙައްލުހޯދުމަށްވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށާއި އެހެނިހެން ކަންކަމަށް އަންނާނެ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އަންނާނެ ލޮޅުންތައް ވީހާވެސް ކުޑަކުރުމަށެވެ. މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައި ވަނީ ޗައިނާގައި ނަމަވެސް ދުނިޔޭގެ ޤައުމުތަކަށްވެސް މިވައިރަސް ފެތުރި އަންނަނީ އިތުރުވަމުންނެވެ.
ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ލަފާކުރައްވާގޮތުގައި ކުރިއަށް އޮތް ހަފްތާއެއް ނުވަތަ 10 ވަރަކަށް ދުވަހަކީ ކޮރޯނާ ވައިރަސް އެންމެ ބާރަށް ފެތުރިގެންދާނެ ދުވަސް ވަރެވެ. އެއާއެކު ވައިރަސްގެ އަސަރު އިތުރު ނުވެ މަދުވާން ފަށާނެކަމަށް ކަމާ ބެހޭ ފަރާތްތަކުން ހާމަކުރައްވައެވެ.
ވައިރަސް ފެނުނު ޗައިނާގެ ބައެއް ސިޓީތަކުން މިހާރުވަނީ ދަތުރުފަތުރުގެ ޚިދުމަތް މެދުކަނޑާލައި ކުއްލި ސިޓީތައް ބަންދުކޮށްފައެވެ. އެހެންނަމަވެސް ދުނިޔޭގެ އެހެން ޤައުމުތައް އަދި މިޙާލަތަށް ނުދާކަމަށް ޑަބްލިއުއެޗްއޯއިން ފާހަގަކުރައްވައެވެ.