ތަޢުލީމު

ވަށާޖެހޭ ތަޢުލީމީ ނިޒާމެއް ޤާއިމުކުރުމަށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ހަމަހަމަ ފުރުޞަތު ހޯދާދޭންޖެހޭ - އެޑިއުކޭޝަން މިނިސްޓަރ


ވަށާޖެހޭ ތަޢުލީމީ ނިޒާމެއް ޤާއިމުކުރެވޭނީ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށްވެސް ހަމަހަމަ ފުރުޞަތު ހޯދާދެވިގެންކަމަށާއި، އެޑިއުކޭޝަން ސެކްޓަރ ޕްލޭންގެ ތެރެއިން އެކަން ކަށަވަރުކުރައްވާނެ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ޖިބުޓިގެ ވެރިރަށް ޖިބުޓި ސިޓީގައި މިމަހުގެ 27 ން 29 ށް ކުރިއަށްދިޔަ "އިންޓަރނޭޝަނަލް ސަމިޓް އޮން ބެލެންސްޑް އެންޑް އިންކްލޫސިވް އެޑިއުކޭޝަން" ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.

"އިންޓަރނޭޝަނަލް ސަމިޓް އޮން ބެލެންސްޑް އެންޑް އިންކްލޫސިވް އެޑިއުކޭޝަން" ފޯރަމްގައި ތަޤްރީރުކުރައްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ރަސްމީ ތަޢުލީމީ ނިޒާމުގެ ތެރެއިން ސްކޫލުތަކުގައި ކިޔެވުމުގެ ފުރުޞަތު ރާއްޖޭގައި އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ 1985 ވަނަ އަހަރު ކަމަށެވެ. އެންމެ ސްކޫލެއްގައި ފުރަތަމަ މި ޚިދުމަތް ދޭން ފެށިނަމަވެސް މިހާރު މިކަން މުޅި ރާއްޖެއަށް ފުޅާވެ، ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވާދިނުމަށް ތަމްރީންކޮށްފައިވާ، މަދުވެގެން އެއް ޓީޗަރަކު ސަރުކާރުން ހިންގާ ހުރިހާ ސްކޫލެއްގައި މިހާރު ހުންނާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެފަދަ ކުދިންނަށް އެހެން ކުދިންނެކޭ އެއްފަދައިން ތަޢުލީމު އުނގެނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލެވި، އެކަމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރައްވަމުންގެންދަވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރު ސްކޫލްތަކާއި އަމިއްލަ ފަރާތްތަކުން ހިންގާ ސްކޫލުތަކަށް ނުކުޅެދުންތެރިކަން ހުންނަ ކުދިން އެންރޯލްކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި، އޭގެ ތެރެއިން ޑްރޮޕް-އައުޓް ކުރާ ކުދިންނާއި، ރިޕީޓުވާ ކުދިންގެ ނިސްބަތްވެސް މަދުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންވެސް ބައިވެރިކޮށްގެން ވަށާޖެހޭ ތަޢުލީމެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް ކާމިޔާބުވި ނަމަވެސް މިކަމުގައި އަދިވެސް ގޮންޖެހުންތަކެއް ހުރިކަން މިނިސްޓަރގެ ތަޤްރީރުގައި ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ގިނަ ސްކޫލްތަކުގެ އިމާރާތްތައް ފަރުމާކޮށްފައިވަނީ އެފަދަ ކުދިންނަށް ފަސޭހައިން އެކްސެސްވެވޭނެހެން ނޫންކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންގެ ބޭނުންތައް ދެނެގަނެވޭނެ ފަދަ މެކޭނިޒަމެއް ޤާއިމުވެފައި ނެތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ގުދުރަތީގޮތުން ވަކިވަކި ރަށްތަކެއްގެ ގޮތުގައި ރާއްޖެ އުފެދިފައި އޮތުން އެއީވެސް މިކަމަށް އޮތް ގޮންޖެހުމެއް ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

"އިންޓަރނޭޝަނަލް ސަމިޓް އޮން ބެލެންސްޑް އެންޑް އިންކްލޫސިވް އެޑިއުކޭޝަން" ފޯރަމުގެ ތެރެއިން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވަނީ ހަމަހަމަކަމާއެކު ވަށާޖެހޭ ތަޢުލީމެއް ފޯރުކޮށްދިނުމާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައެވެ. މިފަދަ މުޢާހަދާއެއް އެކުލަވާލުމުގެ އެންމެ ބޮޑު ބޭނުމަކީ ތަޢުލީމީ ނިޒާމުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް އެކަމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ބައިވެރިވުމާއި އެއްބާރުލުން އިތުރުކުރުމެވެ.