ޚަބަރު

ވޯޓާސް ލިސްޓަށް މިހާތަނަށް 136 ޝަކުވާ ވަނީ ހުށަހަޅާފައި - އިލެކްޝަން


ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓަށް މިހާތަނަށް ހުށަހެޅިފައިވަނީ 136 ޝަކުވާކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިމަހުގެ 20ވަނަ ދުވަހު އާންމުކޮށްފައިވާ ވޯޓާސް ލިސްޓަށް ހުށަހެޅެމުންދާ ޝަކުވާތަކާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަންގެ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އަހްމަދު އަކްރަމް ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުރިހާ ފަރާތްތަކުންވެސް މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވަންޖެހޭކަމަށެވެ. މިމަހުގެ 31 ނިޔަލަށް ހުޅުވާލާފައިވާ މިފުރުސަތުގައި ކޮމިޝަނުން އެންމެބޮޑު އިސްކަމެއް ދީފައިވަނީ ނަމާއި، އެޑްރެސް އަށް ބަދަލުވެފައިވާނަމަ އެކަން ރަނގަޅުކުރުމަށްކަމަށެވެ.

ރީރަޖިސްޓްރޭޝަންގެ މުއްދަތުގައި ރަޖިސްޓްރީ ކުރަންޖެހޭނީ ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ވޯޓްލީތަން ނޫން ތަނެއްގައި ވޯޓްލާން ބޭނުންވާ ފަރާތްތަކާއި، އެޑްރެސް ބަދަލުވާ ފަރާތްތަކުންކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ. އަދި ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ މިފަހަރުގެ ވޯޓާސް ލިސްޓަކީ އިންތިޚާބުގެ ކުރިން އެކުލަވާލެވި މައްސަލަ ދިމާނުވާގޮތަށް އާންމުކުރެވޭ ލިސްޓަކަށް ހެދުމަށްކަމަށް އަޒީފާ ވިދާޅުވިއެވެ.

"20 ޖެނުއަރީން ފެށިގެން އަޅުގަނޑުމެންވާނީ ވޯޓާސްލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފަ. މިހާތަނަށް އަޅުގަނޑުމެންނަށް ލިބިފައިވަނީ 136 ޝަކުވާއެއް. އޭގެ ތެރޭގައި އެންމެ ގިނަ އަދަކަށްހުރީ މަރުވެފައިވާ މީހުންގެ މައުލޫމާތު ލިސްޓުގައި ހުރުމާއި، އެޑްރެސް ބަދަލުވެފައިވާ މީހުންގެ ނަންތަކެއް. މަރުވެފައިވާ މީހުންގެ 73 ޝަކުވާއެއް ލިސްޓަށް ވަނީ ހުށަހެޅިފަ. އަޅުގަނޑުމެން މިދަނީ ލިސްޓް ކަށަވަރުކުރުމަށް ކަމާއި ގުޅުންހުރި ހުރިހާ އިދާރާއަކާއި ގުޅިގެން މަސައްކަތް ކުރަމުން." އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ ވޯޓާސް ލިސްޓްގައި ނަން އޮތްތޯ ބަލާ، އެއްވެސް މައްސަލައެއް އުޅޭނަމަ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެކަމެއް ހުށައެޅުމަށް އެދިވަޑައިގެންފައެވެ. ކޮމިޝަނުން ދަނީ އިންތިޚާބުގައި ބޭނުންވާ އޮފިޝަލުންނާއި، އިދާރީ ކަންކަން ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކައުންސިލް އިންތިޚާބުގައި ވޯޓްފޮށި ދޮށުގައި ހަރަކާތްތެރިވުމަށާއި، އިދާރީ ކަންކަމުގައި ހަރަކާތްތެރިވުމަށް 6000އަށްވުރެ އޮފިޝަލުން ބޭނުންވާކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އޮފިޝަލުން ހޯދުމަށްޓަކައި އިލެކްޝަން ކޮމިޝަނުންދަނީ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކާއިގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.