ޚަބަރު

ޢަދުލު އިންސާފު ކަށަވަރު ކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލަން - އެމްއާރުއެމް


ރައްޔިތުންގެ އަސާސީ ޙައްޤުތައް ޙިމާޔަތްކޮށް، މިނިވަން މުއައްސަސާތަކުގެ މުސްތަޤިއްލުކަން ހަރުދަނާކޮށް، ޢަދުލު އިންސާފު ކަށަވަރު ކުރުމަކީ، އެންމެންގެ ޤައުމީ ވާޖިބަކަށް ހަދައި، އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެމްއާރުއެމްއިން ގޮވާލައިފިއެވެ.

މިއަދު ފާހަގަކުރާ ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވަައި އެމްއާރުއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ދުވަހެއްގައި ރާއްޖޭގައި ހިނގާ ލާއިންސާނީ އަމަލުތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، ގެވެށި އަނިޔާއާއި އަދި މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރަ ކުރުމާއި މިފަދަ ގިނަ ޖަރީމާތައް ހުއްޓުވޭނީ އެންމެން ގުޅިގެން އެއްބަޔެއްގެ ގޮތުގައި މަސައްކަތް ކޮށްގެންކަމަށެވެ.

"މިދުވަސް ފާހަގަ ކުރުމުގެ މަޤުޞަދަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ޤައުމިއްޔަތު ދެމެހެއްޓުމުގެ ބާރާއި ޖޯޝް ދިވެހިންގެ މެދުގައި އާކޮށް އާލާކުރުމެވެ. ހުރަވީ ދުވަހަކީ، އަޅުގަނޑުމެން ތާރީޚުން ޢިބުރަތް ލިބިގަންނަން ޖެހޭ ދުވަހެކެވެ. ދޮންބަންޑާރައިންގެ މި މަތިވެރި ޖިހާދާ މެދު ދިވެއްސަކަށްވީތީ ފަޚުރުވެރިވެ، ދިވެހި ކޮންމެ ދަރިއަކީވެސް ،އެ ރަސްގެފާނު ފަދައިން ޤައުމަށްޓަކައި، ޤައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށް ހުރި މީހަކަށް ވާންވީ ދުވަހެވެ." އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

މިބަޔާނުގައި ހުރަވީ ދުވަހަކީ، ޤައުމުގައި ހިނގާ ކަންކަމާޅެދު ވިސްނައި ފިކުރުކޮށް، ޤައުމަށް އިސްލާޙީ ބަދަލުތައް ގެނައުމަށް ޢަޒުމް ކަނޑައަޅަންވީ ދުވަހެއްކަމަށެވެ. އެގޮތުން، ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ޤައުމުގައި ހިނގާ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރުމަކީ، އެންމެންގެ މައްޗަށް ލާޒިމު ކަމެއްކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.