ޚަބަރު

ކައުންސިލް އިންތިޚާބަށް ފައްކާވެފައިވާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ - ވަޙީދު


ކައުންސިލް އިންތިޚާބަށް ދުރާލައި ތައްޔާރުވެ، އިންތިޚާބްގައި ވާދަކުރާ ކައުންސިލަރުންނަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ފޯރުކޯށްދީ، އިންތިޚާބަށް ފުރިހަމައަށް ތައްޔާރުވެފައިވާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީކަމަށް އެމްޑީޕީގެ އިންތިޚާބީ ކޮމިޓީގެ މެމްބަރު އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބަށް އެމްޑީޕީން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީޕީގެ އިންތިޚާބީ ކޮމިޓީގެ މެމްބަރު އިބްރާހީމް ވަޙީދު ވިދާޅުވީ ކައުންސިލް އިންތިޚާބްގައި ވާދަކުރާ އެޕާޓީގެ މެމްބަރުންނަށް ޚާއްސަކޮށްގެން މުޅިރާއްޖޭގައި މަހާސިންތާއެއް ބާއްވާފައިވާކަމަށެވެ.

ޤާނޫނަށް އައިސްފައިވާ ބަދަލުތަކާއިއެކު ކައުންސިލަރުންގެ ޒިންމާތަކާއި، މަސްއޫލިއްޔަތާއި، މަސައްކަތް ކުރަންޖެހޭ ގޮތް މިބައްދަލުވުންތަކުގައި ކިޔައިދީފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ. ސިޔާސީ އެއްވެސް ޕާޓީއަކުން ކައުންސިލް އިންތިޚާބަށް މިފަދަ މަސައްކަތްތަކެއް ނުކުރާއިރު، އެޕާޓީތަކުގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުންނަށް އިންތިޚާބްގައި ވާދަކުރަންޖެހޭ ސަބަބެއްވެސް ކިޔައިދެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިވަނީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އިންތިޚާބާއި ބެހޭ މައުލޫމާތުތައް ފޯރުކޮށްދީފަ. ކައުންސިލް އިންތިޚާބަށް އަޅުގަނޑުމެން މިތިބިތީ ދުރާލައި ތައްޔާރުވެ މިކަމަށް ނިކަން ރަނގަޅަށް ފައްކާވެފަ. މިއިންތިޚާބުގައި އަޅުގަނޑުމެންގެ ޕާޓީ ބޭފުޅަކަށްނޫން މީހަކަސް ވޯޓްދޭންޖެހޭ ސަބަބައެއް ނެތް." ވަޙީދު ވިދާޅުވިއެވެ.

ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީއާއި ގުޅޭގޮތުން އިންތިޚާބީ ކޮމިޓީގެ ނައިބް މުޤައްރިރު އިބްރާހިމް މުއިއްޒު ވިދާޅުވީ މިއިންތިޚާބަކީ ވާދަވެރި އިންތިޚާބަކަށް ވެގެންދާނެކަމަށެވެ. މިވަގުތު އިދާރީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމި މިއަދުން ފެށިގެން ރަށްރަށަށް ފޮނުވަންޖެހޭ ވޯޓް ކަރުދާހާއި އިންތިޚާބާއި ގުޅުންހުރި ސާމާނު ރާއްޖޭގެ ފޮނުވަމުންދާނެކަމަށެވެ.

އޭނާ ވިދާޅުވީ ޤާނޫނަށް ގެނައި ބަދަލުތަކާއިއެކު ކައުންސިލް އިންތިޚާބުގައި އަންހެނުންގެ ޝައުގުވެރިކަން ހުރި މިންވަރު ހާމަވާކަމަށެވެ. އެގޮތުން މިއިންތިޚާބުގައި އެޕާޓީގެ ޕްރައިމަރީގައި 270 އަށްވުރެ ގިނަ އަންހެނުން ވާދަކުރާކަމީ އިންތިޚާބުގެ ވާދަވެރިކަން އޮތްމިންވަރު ހާމަވާކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އަޑު..

ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމަރީގައި ކައުންސިލްތަކަށް ވާދަކުރާ 387 ކެންޑިޑޭޓަކާއި، އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ ދެ ކެންޑިޑޭޓެއް އަދި ސިޓީ ކައުންސިލްތަކަށް ވާދަކުރާ ހަ ކެންޑިޑޭޓަކަށް މިހާރު ވަނީ ޓިކެޓް ލިބިފައެވެ. މިއިންތިޚާބުގައި 870 ކެންޑިޑޭޓުންވާދަކުރާނެއެވެ. އެމްޑީޕީގެ ޕްރައިމަރީގައި 93،000 އަށްވުރެގިނަ މީހުންނަށް ވޯޓްލުމުގެ ހައްގުލިބިގެންވެއެވެ. މިއިންތިޚާބުގެ ވޯޓްލުން ކުރިއަށްދަނީ ހުކުރުދުވަހު މެންދުރުފަހު 2:30 އިން ރޭގަނޑު 7:30 އަށް ކަމަށް އެމްޑީޕީން ބުނެއެވެ.